'ގެދޮރުވެރިޔާ' ސްކީމުގެ ފްލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެ ފަހި ޔޫނިއަން ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ އެއް ކަމަށްވާ ފަހި ޔޫނިއަނުން އެފްޑީސީއާއެކު ބޭއްވި ބައްދަލުވުމަށްފަހު މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފްލެޓުތަކަކީ، ކުއްޔަށްދޭ އުސޫލުން ދޫކުރާ ފުލެޓްތަކެއް ކަމަށެވެ.

އަދި މި ފުލެޓް ތަކަކީ އެހެނިހެން ރިއަލް އެސްޓޭޓް ކުންފުނިތަކުން ވެސް ދިގު މުއްދަތަކަށް އަގު ދައްކާ ހަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 25 އަހަރުގެ މުއްދަތަކަށް އަގު ދައްކާ ހަލާސް ކުރުމުން މިލްކުކުރެވޭ ގޮތަށް ދޫކުރެވޭ އެޕާޓްމަންޓްތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެގޮތުން މީގެ ކުރިން ދޫކުރި ސޯޝަލް ހައުސިން ޔުނިޓުތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހޭކަން ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތަކުގެ ތަޅުދަނޑި އަތަށް ލިބޭނީ ޑައުންޕޭމަންޓް ދައްކާ ނިންމުމުން ކަމަށް އެފްޑީސީން ބުނާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ރާއްޖޭގައި އެންމެ ފަހުން ދޫކުރި ސޯޝަލް ހައުސިން ސްކީމް ކަމުގައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއް ކަމަށް ހަދައި ދިނުމުގެ އިތުރުން އެ ފުލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި އެގްރީމަންޓްގައި ސޮއި ކުރާ ހިސާބުން ތަޅުދަނޑި ހަވާލުކުރެވި ފުލެޓް ހަވާލު ކުރެވޭ ގޮތައް ހިންގާފައިވާ ސްކީމު ތަކެއްކަން ފާހަގަކުރެވޭ" އެ ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރި އިތުރު ކަންކަމަކީ:

  • ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ނަމަ 7،000 ރުފިޔާ ދައްކާ ދެ ކޮޓަރީގެ އެޕާރޓްމަންޓަކަށް 100 ޕަސެންޓަށް ވުރެ ބޮޑު ޖޫރިމަނާ އާއި އެކު 15،000 ރުފިޔާ ދައްކަން ޖެހޭ
  • 9،000 ރުފިޔާ ދައްކާ ތިން ކޮޓަރީގެ އެޕާރޓްމަންޓަކަށް 170 ޕަސެންޓަށް ވުރެ ބޮޑު ޖޫރިމަނާ އަކާއި އެކު 25،000 ރުފިޔާ ދައްކަން ޖެހޭ

މީގެ އިތުރުން ފަހި ޔޫނިއަނުން ވަނީ، މިއީ މި ސަރުކާރުން މި ފްލެޓްތައް ދިނުމުގައި އަމަލުކުރާނެ ކަމަށް ކުރިން ބުނެފައިވާ އުސޫލާ ހިލާފު ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ރައީސް މުއިއްޒު ވެރިކަމާއި ހަވާލު ވުމަށްފަހު ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ވިދާޅުވެ، ހުޅުމާލެ ފޭސް-1 ގެ ފުލެޓްތަކާއި، ހިޔާ ފުލެޓް، ވިނަރެސް ފުލެޓްގެ އިތުރުން ރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިންގް ޔުނިޓް ތަކުގެ ކުލި ކުޑަކުރެއްވި ފަދައިން މި 4000 ފުލެޓްގެ ކުލިވެސް ކުޑަކޮށް ދިނުމަށް ފަހި ޔޫނިއަން އިން ވަނީ ގޮވާލާފަ އެވެ.

ފަހި ޔޫނިއަނުން މިފަދައިން ބަޔާނެއް ނެރެފައިވާއިރު މީގެ ކުރިން ސަރުކާރުން ވަނީ 4،000 ފްލެޓުގެ އެއްބަސްވުންތައް ހަދަން ނިންމާފައި ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓް ފައިސާ ދެއްކުމުން އެ ފްލެޓް ލިބޭ މީހުންނަށް މިލްކު ކޮށްދޭނެ ކަން ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އޭރު ވިދާޅުވީ، އެ އުސޫލުން އަމަލު ކުރަން ނިންމީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވުމުން ކަމަށެވެ. އެހެންކަމުން ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި އޮތީމާ ހަގީގަތުގައި ސަރުކާރަށް އެ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވިއެވެ.