16 ޓީމާ އެކު ރޯދަ މަހު އުރީދޫ މޯލްޑިވްސް އިން ބާއްވާ، މަސް ރޭސް ފެށިއްޖެއެވެ.
ގިނަ އަދަދެއްގެ ޕާޓްނަރުންގެ އެހީތެރިކަމާއެކުގައި ކުރިއަށް ގެންދާ މި މަސްރޭސް ފެށުނީ ރޭ މަސްވެރިންގެ ޕާކް ސަރަހައްދުގައެވެ. މި އަހަރު މަސް ރޭހުގައި ބައިވެރިވާ ޕާޓްނަރުންގެ ތެރޭގައި ވީމީޑިއާ އާއި މޯލްޑިވްސް ޕޮލިސް ސާވިސަސްގެ އިތުރުން މާލެ ސިޓީ ކައުންސިލް އަދި ފިޝަރީޒް މިނިސްޓްރީ ހިމެނެއެވެ. މިއީ މި މުބާރާތް ބާއްވާ 10 ވަނަ އަހަރެވެ. މި އަހަރުގެ މަސް ރޭހުގައި ބައިވެރިވާން ހުށަހަޅާފައި ވަނީ 23 ޓީމެކެވެ. ނަމަވެސް، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވަނީ 16 ޓީމަކަށެވެ.
މި މުބާރާތް ރޭ ފެށުނު އިރު، ރޭ ބައިވެރިވެފައި ވަނީ ހަތަރު ޓީމެވެ. އޭގެ ތެރޭގައި ހަބޭސް ބޮޑުބެރާއި، ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން ވެލައްސަރު އަދި ކްލަބް 220 ހިމެނެއެވެ. ރޭގެ ރޭހުން ފައިނަލްއަށް ދަތުރު ކޮށްފައިވާ ޓީމަކީ ކްލަބް ވެލައްސަރެވެ.
އުރީދޫގެ މަސްރޭހުގައި މިފަހަރު ބައިވެރިވީ ހަތަރު އަންހެން ޓީމެވެ. އޭގެ ތެރޭގައި ޔުނައިޓެޑް ބީއެމްއެލް، ސްޓެލްކޯ ވިމެންގެ އިތުރުން ޑީއެސްސީ ވިމެން އަދި އެމްޓީސީސީ ކަނބަލުން ހިމެނެއެވެ.
މި މުބަރާތުގައި މިއަހަރު ބައިވެރިވި އެހެނިހެން ޓީމް ތަކުގެ ތެރޭގައި ޓީމް ބިއޯ، މޯލްޑިވްސް ގޭސް، އެންޒީ، ފައިނިޔަ އަދި ޓީމް ރަސް އައިނުގެ އިތުރުން ޓޫރިޒަމް ކްލަބް، ސްޓެލްކޯ މެންސް އަދި އަނަންތަރާ މޯލްޑިވްސް ހިމެނެއެވެ.
އުރީދޫ މި އަހަރުގެ މަސް ރޭހަށް ވެސް އައުޓް ބޯޑް އިންޖީނާއި އަގު ބޮޑު ބޮޑެތި އިނާމުތައް ވަނީ ހުށަހަޅާފައެވެ. މި މުބާރާތް ކޮންމެ ހޮނިހިރުދުވަހެއްގެ ރޭގަނޑު 09:45 ގައި ވީޓީވީއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.