ރަމަޟާން މަހުގެ ރޯދައަކީ މަގުބޫލު އުޒުރެއް ނެތް ކޮންމެ މީހެއްގެ މައްޗަށް ހިފުން ފަރުޟުކުރެވިގެންވާ މާތް އަޅުކަމެކެވެ. ބަލި މީހެއް ކަމުގައި ވީ ނަމަވެސް، ސިއްހަތު ތަން ދިން މިންވަރަކުން ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ. މިގޮތުން އެންމެ ބޮޑު ސުވާލަކާ ކުރިމަތިލާންޖެހޭ މީހުންނަކީ ހަކުރު ބަލީގެ މީހުންނެވެ.

ހަކުރު ބަލީގެ މީހުން ރޯދަ ހިފުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަމަކީ، ރޯދަ ވީއްލާ ވަގުތު އެއް ފަހަރާ މަގިނައިން ނުކެއުމަށެވެ. މި ގޮތަށް 11 ގަޑިއިރު ނުވަތަ 12 ގަޑިއިރެއްހާއިރު ނުކައި ހުރުމަށްފަހު އެއްފަހަރާ މާ ގިނައިން ކާލުމަކީ ލޭގައި ދައުރުކުރާ ގްލޫކޯޒްގެ މިންވަރު އިންތިހާއަށް މަތިކޮށްލާ ކަމަކަށްވެސްވެދާނެއެވެ. އެހެންކަމުން އިރުއޮއްސޭ ވަގުތުން ފެށިގެން ކޮންމެ ހަތަރުގަޑިއަކުން ކަހަލަ ގޮތަކަށް ކުޑަ ގޮތެއް ހަދާލުން ބުއްދިވެރިއެވެ.

ކާންވީ ކޮންއެއްޗެއް؟ ކޮން އިރަކު؟

ރަމަޟާން މަހާ ދިމާކޮށް ތިބާ ގަވައިދުން ދައްކަމުން ދާ ޑޮކްޓަރުގެ އިރުޝާދު މިކަމުގައި ހޯދުން ކޮންމެހެންވެސް ބޭނުމެވެ. އެމީހެއްގެ ހަށިގަނޑާ، ކަމުންދާ ބޭސްތަކާ އެންމެ ގުޅޭނެ ކާބޯތަކެތި އެންމެ ފަސޭހައިން ބުނެދެވޭނީވެސް ޑޮކްޓަރަށެވެ. ޑޮކްޓަރު ވިދާޅުވެދެއްވާ ކާބޯތަކެއްޗަކީ އިފްތާރާ ސުހޫރުގެ ވަގުތުތަކަށް ބަހާލައިގެން ކައި ބޮއި ހަދާތަކެއްޗަށް ވުން ކޮންމެހެންވެސް ބޭނުމެވެ.

ހަކަރުބަލީގެ މީހުން ރޯދަ ހިފަންވީ ގޮތް އޮޅުންފިލުވުމަށް ޑޮކްޓަރުގެ އިރުޝާދު އަބަދުވެސް މުހިންމު/ފޮޓޯ: ކޮވްނަންޓް ރިކަވަރީ ސެންޓާ

ރޯދަ ވީއްލާ ވަގުތު ބޭނުންކުރުމަށް އެންމެ ރަނގަޅީ އާދައިގެ ކާބޯހައިޑްރޭޓްސް އެކުލެވޭ ލުއި އެއްޗެކެވެ. އަދި މިއެއްޗަކީ އޭގެ މާއްދާތައް ފަސޭހައިން ހަށިގަނޑަށް ދަމައިގަންނަ ފަދަ އެއްޗެއްތޯވެސް ބަލަންވާނެއެވެ. މިގޮތުން 2 އޮށް ކަދުރު ނުވަތަ ކިރުތައްޓެއްވެސް ރޯދަ ވީއްލަން ބޭނުންކުރެވިދާނެއެވެ. ރަތް ހަނޑުލާ، ރޮށި ފަދަ ތަކެތި ކާނީ އޭގެ ފަހުންނެވެ.

ސުހޫރު ނުވަތަ ހާރުގެ ގޮތުގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ކާބޯހައިޑްރޭޓްސްއިން މުއްސަނދިވެފައިވާ ތަކެތިކަމުގައިވުން އެދިވިގެންވެއެވެ. އެގޮތުން ހޯލް ގްރެއިން ސީރިއަލް، ހޯލް ގްރެއިން ޕާން އަދި ތަރުކާރީއަކީ ހަކުރު ބަލީގެ މީހަކު ހާރުގެ ގޮތުގައި ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ތަކެއްޗެވެ. މިއީ ހަޖަމު ކުރަން ގިނަ ވަގުތު ނަގާ ބާވަތްތަކެއް ކަމުން، މިއީ ގިނަ ވަގުތު ބަނޑުހައި ނުކޮށްދީ ބަހައްޓަން އެހީވެދޭނެ އެއްޗިއްސެވެ.

ހޯމް ކިޓަކުން ހަކުރު ޓެސްޓުކުރަނީ/ފޮޓޯ: އޭއެފްޕީ

ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންސްގެ މާއްދާ ހޯދާނީ މަހާ އެކި ކަހަލަ ބަދަނުގެ ބާވަތްތަކުންނެވެ. ލޯފެޓް ކިރާ، ޕްލެއިން ގްރިކް ޔޯގަޓްއާއި ކޮޓޭޖް ޗީޒްވެސް ބޭނުންކުރެވިދާނެއެވެ. ތަރާވީހުގެ ވަގުތުގައި ކިރު ތައްޓެއް ނުވަތަ ތާޒާ މޭވާކޮޅެއް ބޭނުން ކުރުމަކީ ހާރުކާ ވަގުތާ ޖެހެންދެން ހަށިގަނޑުގައި ގްލޫކޯޒް ގިނަ ވިޔަނުދީ ހިފަހައްޓަން އެހީތެރިވެދޭނެ ކަމެކެވެ.

މި ދުވަސްވަރަކީ އާދަޔާ ހިލާފަށް އަވިބާރު ދުވަސްވަރެއް ކަމުން، ރޭގަނޑުގެ ވަގުތުތަކުގައި އެކަށީގެންވާ މިންވަރަކަށް، ގިނައިން ފެންބޯންވާނެއެވެ. އަދި ހަކުރު ނާޅާ ތައްޔާރުކޮށްފައި ހުންނަ އެކި ކަހަލަ ތާޒާ ބުއިންތައްވެސް ބޮވިދާނެއެވެ. ނަމަވެސް ކެފީން އެކުލެވޭ ބުއިންތަކާ ދުރުވާންޖެހެއެވެ. ލޮނާ ކެފީން ގިނަ ކާބޯތަކެއްޗަކީ ދުވާލުގެ ވަގުތުތަކުގައި ކަރުހިއްކުން އިތުރުކުރާނެ ތަކެއްޗެވެ.

ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހޯދާނީ ކިހިނެއް؟

ފައިބަރަކީވެސް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާއަކަށްވާއިރު، މިމާއްދާ ހޯދަން އެންމެ ފަސޭހަ ވާނީ އެކި ކަހަލަ ސެލަޑުންނެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް މަދުވެގެން 1 ފަހަރު ނަމަވެސް ތާޒާ ސެލަޑެއް ކާލަން ހަނދާން ކުރަން ވާނެއެވެ. ހަމަ މިފަދައިން، ގުޑް ކޮލަސްޓްރޯލްއަކީވެސް ހަށިގަނޑަށް ބޭނުންވާ އެއްޗަކަށްވާއިރު، ކާބޯތަކެތި ތައްޔާރުކުރުމުގައި ތެލުގެ ގޮތުގައި އޮލިވް އޮއިލް ހިޔާރުކުރާށެވެ.

ހަކުރު ބަލި ހުންނަ ބައެއް މީހުންނަކީ ނުކައި ގިނަ ވަގުތު ހޭދަކުރަންޖެހުމުން ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރު އިތުރުވާ ގޮތްވާ މީހުންނެވެ. އެހެންކަމުން ރޯދަ ހިފަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދައިގެން ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމަށް ސަމާލުވާން ވާނެއެވެ. ވީ ވަރަކުން އެންމެ ރޯދައެއްވެސް ދޫ ނުކޮށްލާ ހިފުމަށް އިސްކަން ދޭންވާނެއެވެ.