ހުރިހާ މުސްލިމުންނަށް ރޯދަ ހިފުމުގެ ހައްގު ލިގެންވާ ގޮތަށް ޗައިނާގެ މުސްލިމުންނަށްވެސް އެހައްގު ލިބިގެން ވާ ކަމަށް މިނިސްޓާ އޮފް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަ ހިފުމަކީ މަނާ ކަމެއް ކަމުގައި ޗައިނާގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް އެގައުމުގެ ކޮމިއުނިސްޓް ސަރުކާރުން އަމުރުކުރުމާ ގުޅިގެންނެވެ.

އިސްލާމުންނާ ދެކޮޅަށް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށިތާ މިހާރު 3 އަހަރުވެފައި ވާއިރު މިކަމުގެ އެންމެ ބޮޑު ތަކުލީފެއް އުފުއްލަމުން ދަނީ، ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންނެވެ. އެ ސަރަހައްދުގައި މިލިއަނަކަށްވުރެ ގިނަ މުސްލިމުން ސަރުކާރުގެ ގައިދީންގެ ގޮތުގައި ތިބިއިރު، އިސްލާމް ދީނުގެ ފަރުޟު ރުކުންތައް އަދާކުރުންވެސް ޗައިނާ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ޚަބަރު ލިބޭ ގޮތުގައި ރަމަޟާން މަހުގެ ރޯދަ ހިފުމާ، ފަރުޟު ނަމާދު ކުރުން ވެސް ޗައިނާ ސަރުކާރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން ހިންގާ ކޭމްޕުތަކުގައި ހައްޔަރުކޮށްފައިވާ މުސްލިމުންނަށް ރާ ބޮއެ، އޫރުމަސް ކެއުމަށް މަޖުބޫރު ކުރަމުން ދާކަމުގެ ޚަބަރުތަކެއްވެސް ވަނީ ފެންމަތި ވެފައެވެ. ކަންމިހެން އޮތުމާއެކު ޗައިނާއިން މުސްލިމުންނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ހަރުކަށި ސިޔާސަތުތައް ކުށްވެރިކޮށް ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ ލީޑަރުން ހަނު ހިމޭނުން ތިއްބަވާކަން ފާހަގަކޮށް، ގިނަ އަދަދެއްގެ މުސްލިމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.