ކައްކާ އިރު ހިކަނދިފަތަކީ ދިވެހިންގެ ތެރޭގައި މަގުބޫލު އެއްޗެކެވެ. ރިހަ ނޫނީ ލޮނުބާވަތުގެ އެއްޗެހި ތައްޔާރު ކުރާއިރު ހިކަނދިފަތް އާންމުކޮށް ބޭނުންކުރެއެވެ. ނަމަވެސް ކާއިރު އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ތަށިގެ އެއް ފަރާތެއްގައި ހޮވާ އެއްކޮށްފައި ބަހެއްޓުމަށްފަހު އުކާލާ އެކައްޗަކީ ހިކަނދިފަތެވެ.

ހިކަނދިފަތަކީ އޭގެ ޒާތުގައި އަހަރެމެންގެ ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުނ ހިކަނދިފަތަކީ ބޭރަށް ހިނގުން ހުއްޓުވައިދީ ހަށިގަނޑުގެ ކޮލެސްޓްރޯލާއި ހަކުރު ދަށްކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުންވެސް ހިކަންދިފަތުން ލިބޭ އެތައް ފައިދާއެއް ވެއެވެ.

އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް އެކުލެވޭ

ހިކަނދިފަތުގައި އެކުލެވޭ ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ސީ، އަދި ވިޓަމިން އީގެ ސަބަބުން ހަށިގަނޑަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ލިއްބައިދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ އޮކްސިޑައިޒިންގް އޭޖެންޓްސްއާ މި ބާވަތް ހަނގުރާމަ ކުރެއެވެ. އަދި ހިކަނދިފަތަކީ ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަންތަކާ ހަނގުރާމަކުރަންވެސް އެހީވެދޭ އެއްޗެކެވެ.

ބޭރަށްހިންގުން ހުއްޓުވައިދޭ

ދިރާސާއެއް ދައްކާގޮތުން ހިކަނދިފަތުގައި އެކުލެވޭ މާއްދާއެއްގެ ސަބަބުން ހިކަނދިފަތް ކެއުމުން ބޭރަށް ހިންގުމުން ދުރުކޮށްދެއެވެ. އެގޮތުން ބޭރަށް ހިންގާނަމަ ހިކަނދިފަތުން ޕޭސްޓެއް ހަދައިގެން ނުވަތަ ހިކަނދިފަތުން ޖޫސް ގިރައިގެން ބޭނުންކުރާށެވެ.

ހަކުރާއި ކޮލެސްޓްރޯލް ދަށްކޮށްދޭ

ދިރާސާތައް ދައްކާ ގޮތުން ހިކަނދިފަތަކީ ނުރައްކާތެރި އެލްޑީއެލް ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދޭ ބާވަތެކެވެ. އަދި ގިނައިން ހިކަނދިފަތް ބޭނުންކުރުމަކީ ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް އެހީވެދޭ ކަމެއް ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

ކެންސަރާ ހަނގުރާމަ ކުރަން އެހީވެދޭ

ހިކަނދިފަތުގައި އެކުލެވޭ ކެމިކަލް މާއްދާތަކުގެ ސަބަބުން ލުކީމިއާ އަދި ޕްރޮސްޓްރޭޓް ކެންސަރު ފަދަ ކެންސަރުތަކާ ހަނގުރާމަކުރަން އެހީވެދެއެވެ.

އިސްތަށިގަނޑު ދިގުވުމަށް އެހީވެދޭ

ހިކަނދިފަތުގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަވެއެވެ. އަދި ހިކަނދިފަތަކީ ބޮލުގަ ނުރަ ޖެހުންވެސް ދުރުކޮށްދީ އިސްތަށިގަނޑު ދިގުވުމަށް އެހީވެދޭ އެއްޗެއް ކަމަށްވެއެވެ. ހަފްތާއެކު އެއްފަހަރު ހިކަނދިފަތުން ޕޭސްޓެއް ތައްޔާރު ކުރުމަށްފަހު ތެލާއެކީ އިސްތަށިގަނޑުގެ ބުޑުގައި ހާކާ މަސާޖްކޮށްލާށެވެ.

ލޮލަށްވެސް ފަރުވާއެއް

ހިކަނދިފަތަކީ ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭ އެއްޗެކެވެ. ވިޓަމިން އޭ ގައި އެކުލެވޭ ކެރޮޓެނޮއިޑްގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ. ވިޓަމިން އޭ މަދުވެއްޖެނަމަ ލޮލުގެ ފެނުން ފުސްވެ، އެކިކަހަލަ މައްސަލަތައް ދިމާވެއެވެ.

ހަންގަނޑަށްވެސް ފަރުވާއެއް

ހިކަނދިފަތުން ޕޭސްޓެއް ހަދާފައި ހަންގަނޑުގައި އަނދާފައި، ނުވަތަ ހަލާކުވެފައި ހުންނަ ތަންތަނުގައި އުނގުޅުމުން އަވަހަށް ފަސޭހަވެއެވެ.

ހިކަނދިފަތުގެ އިތުރުން ހިކަނދިފަތް ގަހުގެ އެކި ބައިތަކަކީވެސް ވަރަށް ބޭނުންތެރި ބައިތަކެކެވެ. އެގޮތުން ހިކަނދިފަތް ގަހުގެ މޫތަކަކީ ގައިގެ ރިހުމަށް ފަރުވާއަކަށް ބޭނުން ކުރެވޭ އެއްޗެކެވެ. އަދި މިގަހުގެ ތޮށިގަނޑަކީ ހަރުފަ ދަތްއަޅާފައިވާ ތަންތަނަށް ފަރުވާ ކުރަން ބޭނުންކުރާ އެއްޗެކެވެ.