ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސްގެ އަލަތު ދަރިފުޅުގެ ނަން ވަރަށް އަވަހަށް އިއުލާންކުރެވިގެންދާނެ ކަމަށް ޕްރިންސް ހެރީ ބުނެފިއެވެ.

ޑަޗަސް އޮފް ސަސެކްސް އަދި ކުރީގެ މަޝްހޫރު ފިލްމީ ތަރި މޭގަން މާކެލް ވިހާފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކްސްއަށް ލިބިފައިވަނީ ފިރިހެން ކުއްޖެއްކަމަށްވާއިރު، އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ހާންދާން ދެމިގެން ގޮސްފައިވާ ގޮތުން މި ކުއްޖާ ހިމެނެނީ ވެރިކަން ހައްގުވާ ޝާހީ މީހުންގެ ލިސްޓުގެ 7 ވަނާގައެވެ. ލިސްޓުގެ އެންމެ ކުރީގައި ވަނީ ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްއެވެ.

ޑަޗަސް މޭގަންއަށް ލިބޭނީ އަންހެން ކުއްޖެއް ކަމަށް ގިނަ ބަޔަކު ދިޔައީ ވަކާލަތު ކުރަމުންނެވެ. އަދި އެކުއްޖާއަށް ކިއާނީ ޑަޔާނާކަމަށްވެސް ޑަޗަސް މޭގަންގެ ފޭނުން ދިޔައީ ބުނަމުންނެވެ.

ޑަޗަސް މޭގަންއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށް އިނގިރޭސި ޝާހީ އާއިލާއިން ވަނީ ހާމަކޮށްފައެވެ.