މަޝްހޫރު ސޯޝަލް މީޑިއާ ފޮޓޯ އަދި ވީޑިއޯ އެޕްލިކޭޝަން އިންސްޓަގްރާމްއިން ރަމަޟާން މަހަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ކެމެރާ އިފެކްޓް ފިލްޓަރެއް ތައާރަފުކޮށްފިއެވެ.

ހަނދުފަޅިއެއްގެ އިތުރުން އެކިކޮޅުކޮޅަށް ދުވާ ވައް ބުރުތަކެއް ސިފަވާ މި ފިލްޓަރުގައި އުފާވެރި "ރަމަޟާން މަހެއް" ދެހާވާފަދަ އިބާރާތެއްވެސް ވަނީ ބޭނުންކޮށްފައެވެ. މި ފިލްޓާ ފަރުމާކޮށްފައިވަނީ އަރަބި ފަރުމާ ކުރުންތައް އަސްލަކަށް ބަލައިގެންނެވެ.

މި ފިލްޓަރާއެކު އިންސްޓަގްރާމްއިންވަނީ ރަމަޟާން މަހާ ދިމާކޮށް ހާއްސަ ކެމްޕޭނެއްވެސް ފަށާފައެވެ. ހޭޝްޓެގް މަންތް އޮފް ގުޑްގެ ނަމުގައި ފަށާފައިވާ މި ކެމްޕޭނަކީ ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވަންތަކޮށް އެއްބަޔަކު އަނެއް ބަޔަކާ މެދު ހަމްދަރުދީވުން އަށަގެންނެވުމަށް ފަށާފައިވާ ކެމްޕޭނެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ކެމްޕޭންގެ ދަށުން ކުރެވިދާނެ އާދައިގެ ކަންތައްތަކުގެ ތެރޭގައި އެކުވެރިއެއްގެ ޕޯސްޓުގައި އޭނާ އުފާވާނެކަހަލަ ވާހަކަތައް ކޮމެންޓުގެ ގޮތުގައި ޕޯސްޓްކުރުން ފަދަ ކަންކަންވެސް ހިމެނެއެވެ.

އިންސްޓަގްރާމްއިންވަނީ ވީހާވެސް ގިނަ "މަންތް އޮފް ގުޑް" ކެމްޕޭނުގައި ބައިވެރިވި ވީހާވެސް ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިނުމަށް ގޮވާލާފައެވެ.