މި ބިންމަތީގައި ހުރި އެންމެ މުގައްދަސް އަދި އެންމެ ޒަމާންވީ ބިނާ ކަމަށްވާ މައްކާގައި ހުންނަ ހަރަމްފުޅު މިއަދު ވެސް އެ ހުރީ، މަލާއިކަތް ބޭކަލުން އެ ގެފުޅު ބިނާކުރެއްވި ބިންގަލުގެ މަތީގައެވެ.

ފުރަތަމަ ފަހަރު އަލްމާއިދާ ސޫރަތުގެ 95 ވަނަ އާޔަތުގައި ނަންގަނެވިފައިވާ ކައުބްތުﷲ ގެފުޅު ފުރަތަމަ ބިނާ ކުރެއްވީ މަލާއިކަތް ބޭކަލުންނެވެ. އަދި އެއަށްފަހު ބިނާ ކުރެއްވީ އާދަމްގެ ފާނެވެ. އެންމެ ފުރަތަމަ މަލާއިކަތް ބޭކަލުން އެ ގެފުޅު ބިނާކުރެއްވި ބިންގަލުގެ މަތީގައި މިއަދުވެސް އެ ގެފުޅު ހުރި ނަމަވެސް، ތަފާތު އެކި ސަބަބު ތަކާއި ހުރެ ގެފުޅުގެ އިމާރާތަށް އަދި ގެފުޅުގެ ވަށައިގެންވާ ހަރަމްފުޅަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

ގެފުޅަކީ ނަމާދުގައި މުސްލިމުންގެ ޤިބުލައެވެ. އަދި މުސްލިމުން ހައްޖަށް ގޮސް ވަށައިގެން ޠަވާފުކުރާ ގެފުޅު ހުންނަނީ ދުނިޔޭގެ މެދުގައެވެ.

ގެފުޅަކީ މުސްލިމުން ނަމާދު ކުރާ ގިބުލައަށްވީ ހިނދު، އެ ގެފުޅުގެ މުހިންމު އުންސުރުތަކެއް ވެއެވެ. އެގޮތުން ގެފުޅުގެ ދޮރުކޮޅު ވަނީ ގެފުޅުގެ އިރުމަތީ ބިތުގައެވެ. ގެފުޅުގައި ހުންނަނީ އެންމެ ދޮރުކޮޅެކެވެ. ޒަމްޒަމްފެނުން ގެފުޅުތެރެ ދޮވެ ސާފުކުރުމަށްޓަކައި ކޮންމެ އަހަރަކު ތިން ފަހަރު އެދޮރުކޮޅު ހުޅުވެއެވެ. އެ ދޮރުކޮޅާއި ބިމާ ދެމެދުގައި 2.13 މީޓަރުގެ އުސްމިނެއްވާއިރު، ގެފުޅުގެ ބިންގާކޮޅުން ބައެއް ބިންމަތިން ފެންނަން ހުރެއެވެ. އިބްރާހިމްގެ ފާނުގެ މަގާމުފުޅު (ހިލަކޮޅު) އޮންނަނީ ގެފުޅު ކައިރީގައެވެ. އެ ހިލަކޮޅު ވަށައިގެން ގެކޮޅެއް ވަނީ ހައްދަވާފައެވެ. އެ ގޮކޮޅާއެކު އެތަނަށްވެސް އިބްރާހިމްގެ ފާނުގެ މަގާމުފުޅު ކިޔާ އުޅެއެވެ. މި ހިލަކޮޅަކީ އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވުމަށްޓަކައި އަރާވަޑައިގެން އޭގެ މަތީގައި ހުންނެވި ހިލަކޮޅެވެ.

ގެފުޅުގެ ދޮރުކޮޅު / ފޮޓޯ: ޕިންޓްރެސްޓް

ގެފުޅުގެ މުހިންމު އުންސުރުތަކުގެ ތެރޭގައި ގެފުޅުގެ އިރު ދެކުނު ކަނުގައި އޮންނަ ހަޖަރުލް އަސްވަދު ހިމެނެއެވެ. ހަޖަރުލް އަސްވަދަކީ ގެފުޅުގެ ދޮރުކޮޅު ކައިރީގައިވާ ރުކުން ކަމަށްވާ އައްރުކުނުއް ޝަރުގީ އަށް ކިޔޭ އަނެއް ނަމެވެ. މި ރުކުނަށް އައްރުކުނުއް ޝަރުގީ އެވެ، ކިއުނީ، މި ރުކުން ގާތްގަނޑަކަށް އިރުމަތީފަރާތާ ދިމާވާތީއެވެ. ޒަމްޒަމް ވަޅުކޮޅު ވަނީ ގާތްގަނޑަކަށް މިރުކުނާ ދިމާވާ ގޮތަށެވެ. ގެފުޅުގެ ދޮރުކޮޅާއި، ހަޖަރުލް އަސްވަދާ ދެމެދުގައި ވަނީ މުލްތަޒަމުކޮޅެވެ.

ހަޖަރުލް އަސްވަދު / ފޮޓޯ: އިންގްލިޝް އަރަބިޔާ

ގެފުޅުގެ ތެރޭގައި ނަމާދު ކުރުމާއި އެއްފަދަ ވެގެން ވާ ތަނެއް ވެއެވެ. އެއީ ގެފުޅުގެ ހަތީމުކޮޅެވެ. އެތަނަށް ހިޖުރު އިސްމާއީލު އޭ ވެސް ކިޔައެވެ. ގެފުޅުގެ އުތުރު ބިތުގައިވާ ހާލިސް ރަނުން ހަދާފައިވާ މީޒާބުކޮޅުން ފެން ބޭރުވާނީ ހިޖުރު އިސްމާއީލުގެ ތެރެއަށެވެ. މީޒާބުކޮޅަކީ ގެފުޅުގެ ދިޔަދޮވި ކޮޅެވެ.

ހިޖްރް އިސްމާއިލް / ފޮޓޯ: އެމްސްޓާ

ގެފުޅު ތެރޭގައި ވަނީ ތިން ތަނބުކޮޅާއި ސިޑިކޮޅެކެވެ. އެ ތަނބުކޮޅުތައް ހަދާފައި ވަނީ މާބްލް (ހަރު ހިލަ) އިންނެވެ. އެއީ ގެފުޅުގެ ފުރާޅުކޮޅު ހިފެހެއެއްޓުމަށް ހަދާފައިވާ ތަނބުކޮޅުތަކެވެ. ގެފުޅުގެ ތެރޭގައިވާ ސިޑިކޮޅުން ގެފުޅުގެ ފުރާޅުކޮޅުގެ މައްޗަށް އެރެއެވެ. އަދި އަހަރަކު އެއްފަހަރު ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްޓަކައި ފުރާޅުކޮޅަށް އެރުން އޮވެއެވެ.

ގެފުޅުގެ އެތެރެ / ފޮޓޯ: ޔޫޓިއުބް