މުޅި އިސްލާމީ އުއްމަތާ ބައްދަލުކުރާ އެންމެ މާތް އެއް މައްސަރަކީ ބަރަކާތްތެރި ރަމަޟާން މަހެވެ. ރަމަޟާން މަހަކީ ރޯދައިގެ ފަރުޟު އަޅުމުގައި މުސްލިމުން މަސްއޫލުވެގެން ތިބެ، ހެއްދެވި ފަރާތްތަށް އަޅުކަން ހާލީސްކުރަމުންދާ ދުވަސްވަރެކެވެ. ރަމަޟާން މަހަކީ ކެތްތެރިކަމާ ތަގުވާވެރިކަމުގެ މައްސަރެކެވެ.
މީގެ 1400 އެތައް އަހަރެއް ކުރިން މުސްލިމުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވިގެން ގޮސްފައިވާއިރު، އަދުގެ ސައިންސްވެރިންވެސް ދަނީ ރޯދައަށް ހުރުމުގެ ސިއްހީ ފައިދާތަކާ މެދު އިއްތިފާގުވެފައެވެ. ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި ރޯދަ ހިފުމަށް ވަކާލާތު ކުރަމުންދާ ސައިންސްވެރިންވެސް މަދެކޭ ނުދެންނެވޭނެއެވެ.
އަދުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވާލު ގަޑީގައި ނުކައި ހުރުމަކީ ސިއްހީ ގޮތުން ކުރިމަތިކުރުވާ ބައެއް ކަހަލަ ތަކުލީފުތަކާ ދުރުކޮށްދޭ ކަމެކެވެ. އެގޮތުން ދުވާލުގެ ވަގުތުތަކުގައި ނުކައި ހުރުމަކީ ކޮލަސްޓްރޯލް މައްޗަށް ދިއުމާ، ހިތުގެ ބަލިތަކާ އާދަޔާ ހިލާފަށް ފަލަވެގެންދިއުމުގެ ބަލިން ދުރުހެލިކޮށްދޭ ކަމެކެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް މިކަމުގެ ސަބަބުން އެދެވޭ ބަދަލުތަކެއް އަންނަ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ދުވާލުގެ ވަގުތުގައި ކެއިންބުއިމާ ދުރުހެލިވެލުމަކީ ހަށިގަނޑުގައި ހުރި ވިހަ މާއްދާ ނުވަތަ ޓޮކްސިންތައް ބޭރުކުރުމަށް ހަށިގަނޑަށް މަގު ތަނަވަސްކޮށްދޭ ކަމެކެވެ. މީގެ އިތުރުން، މިއީ ހަޖަމް ކުރުމުގެ ނިޒާމަށްވެސް އަރާމުކޮށްލަންދެވޭ ޗުއްޓީއެއް ކަމުގައިވެސް ބުނެވިދާނެއެވެ.
ނިއުޓްރިޝަނިސްޓް ކްލެއާ މާހީ ބުނާ ގޮތުގައި ރޯދައަށް ހުރުމަކީ ބަނޑާއި ގޮހޮރު ސާފުކޮށްދީ ގޮހުރުގައިވާ ފަށަލައިގެ ބާރުގަދަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ރޯދައަށް ހުންނަ ވަގުތަކީ، ހަށިގަނޑުގެ ސެލްތައް އޭގެ ޒާތުގައި އަމިއްލައަށް ސާފުވެ، އެ ސެލްތަކުން ހަލާކުވެފައިވާ ބައިތަކާ ނުރައްކަލެއް ކުރިމަތިކޮށްފާނެ ބައިތައް ނެތިކޮށްލުމަށްވެސް ފުރުސަތު ދޭ ވަގުތަކެވެ.
ރޯދައަށް ހުންނަ ވަގުތަކީ ސިކުނޑީގެ ސެލްތައް ހިމާޔަތް ކުރުމަށް ބޭނުންވާ މުހިންމު މާއްދާއެއްވެސް ހަށިގަނޑަށް ދޫކުރާ ވަގުތެކެވެ. މިކަމުގެ ސަބަބުން އެންޒައިޓީ ނުވަތަ ކަންކަމާ ހާސްވެ ނުތަނަވަސްވުމާ، ޑިޕްރެޝަން ނުވަތަ މާޔޫސްކަމާ، ޑިމެންޝިއާ ފަދަ ހަގީގަތުން އެއްކިބާކުރުވުން ފަދަ ނަފްސާނީ ބަލިމަޑުކަމުން އިންސާނާގެ ހަށިގަނޑު ސަލާމަތްކޮށްދެއެވެ.
ރޯދަ މަހު ކެއިންބުއިމަށް އަންނަ ބަދަލުތަކަކީ އެދެވޭ ބަދަލުތަކެއް ކަމުގައި ހަދައިފިނަމަ ހަށިގަނޑުގެ ރޫފައަށްވެސް ބަދަލު އަންނަކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ހެޔޮ ގޮތުގައި ކެއިންބުއިމުގެ އާދަތަކުގައި ހިފައިފިނަމަ ހަށިގަނޑުން ސަރުބީ ވިރި، މަސްތަކުގައި ބާރުޖެހުމަށްފަހު ރޯދައިގެ ސަބަބުން އެހީއަކަށްވެއެވެ.
ރޯދައިގެ އަޅުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ ރޫހާނީ ގޮތުންވެސް އިންސާނާއަށް އާރޯކަން ލިބި ތާޒާކޮށްދޭ ކަމެކެވެ.