މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުގެ ފިތުރު ޒަކާތް ރޯދަމަހުގެ 28 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނޭ ކަމަށެވެ.
އަދި ފިތުރު ޒަކާތް ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 13:00 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ވެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ނެރެން ޖެހޭނީ އަހަރުގެ ތެރޭގައި އެބަޔަކު ބަނޑު ކެއުމަކަށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއެވެ.
އެގޮތުން މާލެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުން ފިތުރު ޒަކާތް ނެރެން ޖެހޭ އަގުތަކަކީ އާދައިގެ ހަނޑުލުން ނަމަ 15 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުން ނަމަ 45 ރުފިޔާ، ބާސްމަތީ ހަނޑުލުން ނަމަ 95 ރުފިޔާ، ރަތް ހަނޑުލުން ނަމަ 75 ރުފިޔާ، އާދައިގެ ފުށުންނަމަ 15 ރުފިޔާ އަދި އާޓާ ފުށުން ނަމަ 60 ރުފިޔާގެ ރޭޓުންނެވެ.