އިންސާނުންގެ ހަށިގަނޑަށް ހަމަޖެހުން ގެނެސްދީ، އުފާވެރިކަމާ ހިތްހަމަޖެހުމުގެ އިހުސާސްކޮށްދޭ ހޯމޯންސްތަކެއް ހުރެއެވެ. މި ހޯމޯންސްތައް އުފައްދާދެނީ ސިކުނޑިން ފޮނުވާ ސިގްނަލްތަކެއްގެ އެހީގައެވެ.

ޑޮޕަމައިން އަކީ އުފާވެރި ބަދަލު ދިނުމުގެ ނިޒާމާ ގުޅިފައިވާ ހޯމޯންއެކެވެ. މިއީ މީހަކަށް ކަމެއް ކޮށްދިނުމުން އޭގެ ބަދަލުގައި އެމީހަކު ޝުކުރު އަދާކުރުމުން އެލިބޭ އުފާވެރިކަން އިހުސާސްކޮށްދޭ ހޯމޯންއެވެ. ގުދުރަރީ ގޮތުން މި ހޯމޯން އިތުރު ކުރަން ބޭނުންނަމަ، ހާސިލުކުރެވޭ ވަރުގެ އަމާޒުތަކެއް ކަނޑައަޅައިގެން، އެކަން ހާސިލުކުރުމުން މަގުސާދު ހާސިލުވީއެވެ. މި ހޯމޯން އިތުރު ކުރުމަށްޓަކައި ފުންކޮށް ނޭވާލައިގެން ހަށިގަނޑު ރިލޭކްސްކޮށް މެޑިޓޭޓްވެސްކޮށްލެވިދާނެއެވެ. މީގެ އިތުރުން ހަމަ ނިދި ނިދުމާ، އެކި ކަހަލަ ނަޓްސްއާއި ތޮޅި ކައިގެންވެސް މި ހޯމޯންސް އިތުރު ކުރެވޭނެއެވެ.

އުފާވެރި ވަގުތަކޮޅެއް ހޭދަކުރަމުންދާ ޒުވާނުންތަކެއް/ފޮޓޯ: މީޑިއަމް

ސެރޮޓޮނިންއަކީ މާޔޫސްކަމާ ހިތާމައާއި ހިތްދަތިކަމުން މީހާ ދުރުކޮށްދޭ ހޯމޯންއެކެވެ. އެންޓިޑިޕްރެސަންޓް ބޭސްތަކުގައިވެސް ބޭނުންކޮށްފައި ހުންނަނީ މި ހޯމޯން އިތުރުކޮށްދޭ މާއްދާތަކެވެ. ނަމަވެސް ވަރުގަދަ ބޭސްތަކެއް ބޭނުން ނުކޮށް ސެރޯޓޮނިން ހޯމޯން އިތުރު ކުރެވިދާނެއެވެ. އެގޮތުން ގަވައިދުން ކަސްރަތުކޮށް ކުޅިވަރެއް ކުޅެލައިގެންވެސް މި ހޯމޯންސް އިތުރުކުރެވިދާނެއެވެ. މީގެ އިތުރުން އޮމޭގާ 3އިން މުއްސަނދި ވެފައިވާ ގީއާއި ނަޓްސް އަދި އެކި ކަހަލަ މުގުވެސް ބޭނުންކުރެވިދާނެއެވެ. މިއާއެކު، ނިދާ ގަޑީގައި ކިރުތައްޓެއް ބޯލުމަކީވެސް މި ހޯމޯންސް އިތުރު ކުރުމަށް އެހީވެދޭނެ ކަމެކެވެ.

އޮކްސިޓޯސިން އަކީ "ލޯބި" ހޯމޯންސްއެވެ. މިއީ ޖަޒުބާތީ އިހުސާސްތައް އުފައްދާދީ، އަނެކުންނާ އޮންނަ ގުޅުން ބަދަހިކޮށްދިނުމަށް އެހީވެދޭ ހޯމޯންއެކެވެ. އާންމު ދިރިއުޅުމަށް ގެންނަ ކުޑަ ބަދަލަކުންވެސް މި ހޯމޯން އިތުރު ކުރެވިދާނެއެވެ. އެގޮތުން ލޯބިވާ މީހުންނާއެކު އެއް ސުފުރާއެއްގައި ކެއުމަކީ އެންމެ ފަސޭހައިން ކުރެވެން އޮތް އެއްކަމެވެ. މީގެ އިތުރުން ހުސްވަގުތުގައި ކުރާނެ ކަމެއް ކަނޑައަޅައިގެން، ގަވައިދުން އެކަން ކުރުމާ ޔޯގާ ހެދުމަކީވެސް މި ހޯމޯން އިތުރުކޮށްދޭނެ ކަމެކެވެ.

އުފާވެރި ވަގުތަކޮޅެއް ހޭދަކުރަމުންދާ ޒުވާނުންތަކެއް/ފޮޓޯ: ޓީން ވޯގް

އެސްޓްރޯޖަންއަކީ ކުރިންދެންނެވި ސެރޯޓޮނިން އުފައްދަން އެހީވެދޭ ހޯމޯންއެކެވެ. މީގެ އިތުރުން އެސްޓްރޯޖަންއަކީ މޫޑު "ސަކަރާތްވިޔަ" ނުދީ ހިފަހައްޓާދީ، ހާސްވެ ނުތަނަވަސްވުމުންވެސް ދުރުކޮށްދޭ ހޯމޯންއެކެވެ. އަންހެނުން އިއްދައިން ކެނޑެން ދާ ދުވަސްވަރު އެސްޓްރޯޖަން ހޯމޯން އިންތިހާއަށް ދަށްވެގެންދެއެވެ. މީގެ އިތުރުން މާ ގަދައަށް ކަސްރަތު ކުރުމާ ސިނގިރޭޓު ބުއިމަކީވެސް އެސްޓްރޯޖަން ހޯމޯން ދައްކުރާ ސަބަބުތަކެކެވެ. ސިނގިރޭޓާ ދުރުވުމުގެ އިތުރުން، ނަފުސަށް ޖިސްމާނީ ހަމަޖެހުން ގެނެސްދޭ ފަދަ ލުއި ކަސްރަތުގެ ސަބަބުން މިކަމަށް ލުއި ލިބޭނެއެވެ.

ޕްރޯޖެސްޓްރޯންއަކީވެސް ނުތަނަވަސްވެ ހާސްވުމާ ދުރުކޮށްދިނުމަށް އެހީވެދޭ ހޯމޯންއެކެވެ. މިއީ ނިދަންވެސް ފަސޭހަކޮށްދޭ ހޯމޯންއެކެވެ. މި ހޯމޯން ދަށްވުމުގެ ތަކުލީފުތަކާ އެންމެ ގިނައިން ކުރިމަތިލާންޖެހެނީ އުމުރުން 35 އަހަރާ 40 އަހަރުގެ އަންހެނުންނަށެވެ. މީގެ އިތުރުން މާ ބޮޑަށް ސްޓްރެސް ވުމާ "ޖަންކް ފުޑް" މާ ގިނައިން ކެއުމަކީވެސް މި ހޯމޯންގެ މިންވަރު ދަށްކުރާ ސަބަބުތަކެކެވެ. މި ހޯމޯން އިތުރުކުރުމަށްޓަކައި ރަނގަޅަށް، ގަވައިދުން ކެއުމަށާ ގަވައިދުން ހެލިފެލިވެއުޅުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ފޮނިކާއެއްޗިއްސާ ވީ ވަރަކުން ދުރުވެ، ސްޓްރެސް ލުއިކޮށްލުންވެސް ބުއްދިވެރިއެވެ.