ރޯދަމަހާ ދިމާކޮށް އަވައްޓެރި އެކި ގައުމުތަކުގައި އުޅޭ ދިވެހިން އެއްވެގެން މާހެފުން ބާއްވަމުން ދިޔަ ނަމަވެސް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށް އެފަދަ ބޮޑު މާހެފުމެއް ބޭއްވެއްން ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ދިޔަ މަހުގެ 21 ވަނަ ދުވަހު އަވައްޓެރި ލަންކާއަށް ދީފައިވާ ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަދިވެސް ލަންކާގައި އެއްތަނަކަށް ގިނަ ބަޔަކު އެއްވެ އުޅުން މަނާކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި އެފަދައިން ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނިކޮށް އެ ގައުމުގައި ދިރިއުޅޭ ދިވެހިން އެއްތަނަކަށް އެއްވެގެން ބޮޑު މާހެފުމެއް ބޭއްވުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ. އަދި ލަންކާގެ ސަލާމަތީ ބާރުތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް ވެސް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ގިނަ ދިވެހިންތަކެއް ދިރިއުޅެމުންދާ އަވައްޓެރި ސްރީލަންކާގައި ދިވެހިން އަދި މުސްލިމުން ފާހަގަކޮށް އުޅޭ ހާއްސަ ދުވަސްތައް އެގައުމުގައި މީގެ ކުރިން ވަރަށް ކުލަ ގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން ރޯދަ މަސް، އީދު ދުވަސް، ފަދަ ދުވަސްތައް ފާހަގަކޮށްލެވެއެވެ.

ބަރަކާތްތެރި ރޯދަ މަސް ފެށުމާ ގާތްވެފައިވާ އިރު ރޯދަމަސް ފެށުމުގެ ކުރިން އެންމެން އެއްތަނަކަށް އެއްވެ ދިވެހި ސަގާފީ ކެއުންތައް ތައްޔާރުކޮށްގެން "މާހެފުން" ބޭއްވުމަކީ ދިވެހިންގެ ތެރޭގައި މިހާރު އާންމުވެފައިވާ ސަގާފަތެކެވެ. ނަމަވެސް ލަންކާގައި ހިނގި ހިތާމަވެރި ބޮމުގެ ހާދިސާއަށް ފަހު އެ ގައުމުގައި އުޅޭ ދިވެހިންނަށް މިވަނީ އާއިލާއަކާ އެކު މާހެފުން ކުޑަގޮތަކަށް ފާހަގަކޮށްލަން ޖެހިފައެވެ.