މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ސުޕްރީމް ކޯޓަށް ހާޒިރު ކޮށްފައިވަނީ ކުރެއްވި ޓްވީޓަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

24 އޭޕްރީލްގައި އިންތި ކުރައްވާފައިވާ ޓްވީޓްގައި އޭނާ ވިދާޅުވެފައި ވަނީ ފަސް ފަނޑިޔާރުން އެކުގައި ސޮއި ކުރައްވައިގެން ހުކުމެއް ނެރުއްވި ކަމަށާއި އެހުކުމް ނެރުއްވި ކަމަށްޓަކާ ދެ ފަނޑިޔާރުން ޖަލަށް ލެއްވި ކަމަށެވެ. އަދި އެ ހުކުމަށް އަޣުލަބިއްޔަތު ދެއްވި ތިން ފަރާތަކަށް ފަނޑިޔާރު ކަމުގައި ދެމިތިއްބެވިފައި ވާކަމަށް ވެސް އޭނާގެ ޓްވީޓްގައި ލިޔުއްވާފައި ވެއެވެ.

އޭގެ ފަހުން 29 އޭޕްރީލްގައި ސުޕްރީމްކޯޓުން ވަނީ އިންތިއަށް ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވާފައެވެ. އޭނާ ސުޕްރީމް ކޯޓުގެ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަށް ހާޒިރު ކޮށްފައިވަނީ މިއަދު ހެނދުނު 8:30 ގައެވެ.

ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވާ ގާނޫނީ ވަކީލުންނާ ދޭތެރޭ ސުޕްރީމް ކޯޓުން މިހާރު ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ދާދި ފަހުން ބާ ކައުންސިލްގެ ރައީސް ހުސްނުއް ސުއޫދާއި ގާނޫނީ ވަކީލް މޫސާ ސިރާޖު ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.