ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ރައީސް މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. މި ވާހަކަފުޅުތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިހްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
ރާއްޖެއާއި މެލޭޝިއާއާއި ދެމެދު ހާރިޖީ ގުޅުން ގާމުކުރީ 1968 ވަނަ އަހަރުއެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލުކުރުމަށާއި، ޗުއްޓީ ދަތުރުތަކުގައި ގޮސްއުޅޭ ގައުމެކެވެ.
