ރޯދަމަސް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ކަނޑޫދޫ މިރުހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައި ކަަމަށް ދަތުރުވެރިންގެ މާރުކޭޓުގެ ވިޔަފާރިވެރިން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ދަތުރުވެރިންގެ މާރުކޭޓުގެ ވިޔަފާރިވެރިން ބުނީ ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ވަނީ 650 އާއި 850 އާ ދެމެދުގެ ރޭޓެއްގައި ކަމަށެވެ. އަދި އާދައިގެ މިރުސް ކިލޯއެއްގެ އަގު ވަނީ 250 އާއި 400 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށްވެސް އެފަރާތަތަކުން މައުލޫމާތު ދެއެވެ.

ކަނޑޫދޫ މިރުސް / ފޮޓޯ: ދަ ޕްރެސް

އެގޮތުން ކަނޑޫދޫ މިރުސް ވިއްކާ މީހުން ބުނީ މިރުހުގެ އަގު މިހާ ބޮޑަށް އުފުލިފައި ވަނީ މިރުސް ގަސްތައް ހަލާކު ވަމުން ދާތީ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް މިރުހުގެ އަގު މިހާރު އޮތްވަރަށް ވުރެންވެސް ބޮޑަށް އުފުލިގެން ދިޔުމުގެ ފުރުސަތު އޮތް ކަމަށް ކަނޑޫދޫ މިރުސް ވިއްކާ ފަރާތަކުން ބުނެއެވެ.

ކަނޑޫދޫ އަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަ އަދަދަކަށް މިރުސް ހައްދާ އެއް ރަށެވެ. އަދި އެރަށުގެ މިރުހަކީ ތާޒާ ކުޅި ގަދަ މިރުހެއް ކަމަށް އެ މިރުސް ގަންނަ ފަރާތްތަކުން ބުނެއެވެ.