ރޯދަ މަހުގެ އިނާޔަތެއްގެ ގޮތުގައި މާމިގިލި ކައުންސިލުން އެ ރަށުގެ ކޮންމެ ގެއަކަށް ފިޔާ ބަސްތާއެއް ދޭން ނިންމައިފިއެވެ.

މާމިގިލި ކައުންސިލުން ބުނީ، ރޯދަ މަހު ފިޔާ ބަސްތާ ރަށު ރައްޔިތުންނަށް ހިލޭ ދިނުމަށް ހަމަޖެއްސާފައި ވަނީ މާމިގިލީ ކައުންސިލްގެ 2019 ވަނަ އަހަރުގެ 13 ވަނަ އާންމު ޖަލްސާގައި ކަމަށެވެ. އެގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ފިޔާ ބަސްތާތައް ދޭނެ ކަމަށް އެރަށު ކައުންސިލުން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި އެކި ރަށްތަކުގެ ކައުންސިލުން ދަނީ ތަފާތު ތަކެތި ރަށު ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ރ. އުނގޫފާރު ކައުންސިލުން ވަނީ އެރަށު ރައްޔިތުންނަށް ހިލޭ ކަރަންޓު މި ރޯދަ މަހުގެ ލިބޭނެގޮތަށް ހަމަޖައްސާފައެވެ.

ފިޔާ އަލުވި ބިސްފަދަ ތަކެއްޗަކީ ރޯދަމަހު އާންމުކޮށް ގިނައިން ބޭނުންކުރާ ތަކެތި ކަމުން މި ތަކެއްޗަށް ގޭބިސީތަކުން ކުރަންޖެހޭ ހަރަދު ބޮޑުވާނެއެވެ. އެހެން ކަމުން މިފަދަ ތަކެތި އިނާޔަތުގެ ގޮތުގައި ލިބުމަކީ ގޭބިސީތަކުން ކުރަންޖެހޭ ހޭދައަށް ލުއެއް ލިބިގެން ދާނެ ކަމެކެވެ.