32 މެންބަރުގެ ވޯޓާއެކު ކުރީގެ ނައިބު ރައީސުންނަށް މަހަކު 35000 ރުފިޔާ ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލް ފާސްކޮށްފިއެވެ.

ކުރީގެ ނައީބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ސަލީމް ހުށައެޅި ބިލް 32 މެންބަރުނެގެ ވޯޓާއި އެކު ފާސްކޮށްފިއެވެ. 32 މެންބަރުން އެއްކޮޅަށް ވޯޓް ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 12 މެންބަރުންނެވެ.

މި ބިލްގައި ވާގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރެއްވިކަން ސާބިތުވެ، އެފަރާތެއްގެ މައްޗަށް ނިހާއީ ހުކުމެއް ކަނޑައެޅޭ ވަގުތުން ފެށިގެން އެ ފަރާތަކަށް ދައުލަތުގެ ފަރާތުން އެއްވެސް އިނާޔަތެއް އަދި އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެއެވެ.

އަދި ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ލިބޭނީ ދައުލަތުގެ މަގާމެއް ނުވަތަ ވަޒީފާއެއް އަދާނުކުރައްވާ ނަމައެވެ. އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމާއި، މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ސަލާމަތީ ބާރުތަކުން ހަމަޖައްސައި ދިނުމުގެ އިތުރުން ބޭނުން ޖެހިއްޖެ ހާލަތެއްގައި ސަލާމަތީ ހިދުމަތް ދިނުމަށް ހުށަހެޅި ބިލުގައިވެއެވެ.

އެހެންކަމުން ކުރީގެ ނައިބު ރައީސުންގެ ތެރެއިން އިނާޔަތާ ރައްކާތެރިކަން ލިބޭނީ ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި، މުހައްމަދު ވަހީދުއްދީނަށާއި، އަބްދުﷲ ޖިހާދަށެވެ. ކުރީގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައި ވާތީ އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެއެވެ. އަދި ޑރ. މުހައްމަދު ވަހީދު ނައިބު ރައީސްކަމަށް ފަހު ރައީސްކަން ކުރައްވާފައި ވާތީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތެވެ.