އޭޕްރީލް 15 ވާ ހޯމަ ދުވަހު ބާއްވަން ހަމަ ޖެހިފައިވާ މަޖިލީހުގެ ޖަލްސާގައި ރެކޯޑު އަދަދަކަށް މަސައްކަތް އެޖެންޑާ ކޮށްފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ތަފާތު ހަތް ބިލެއް މަޖިލީހަށް ތައާރަފް ކުރުމަށް އެޖެންޑާ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށައަޅުއްވާ ފައިވާ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ ހުށައަޅުއްވާ ފައިވާ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ޙުސައިން ހުށައަޅުއްވާ ފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ހިމެނެއެވެ.
އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ހުށައަޅުއްވާ ފައިވާ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލާއި، ގާނޫނު ނަންބަރު 2007/5(ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު ވެސް އެ ޖަލްސާގައި ހުށަހެޅުމަށް ނިންމާފައި ވެއެވެ. އޭގެ އިތުރުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށައަޅުއްވާ ފައިވާ ގާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުންވެސް ޖަލްސާގައި އިއްވުމަށް އެޖެންޑާ ކޮށްފައި ވެއެވެ.
އަަދި "ކޮންވެންޝަންސް އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް (ސީއެންސީ)" ދިވެހިރާއްޖެއިން ތަސްދީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ހުށައެޅުމުގެ މައްސަލަ ރިޔާސަތުގެ ފަރާތުން ހުށައަޅަން ހަމަޖެހިފައި ވަނީ ވެސް ކުރިއަށް އޮތް މަޖިލިސް ޖަލްސާގައެވެ.
ހޯމަ ދުވަހަށް ތާވަލު ކޮށްފައިވާ މަޖިލީހުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީއަށް ހުށައަޅާފައިވާ 102 އޮޑިޓް ރިޕޯޓަކާ ބެހޭގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށައެޅުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން ދުވަހުގެ މަސައްކަތް ތަކުގެ ތެރެއިން ވޯޓަށް ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމަށް ވެސް އެ ދުވަހަށް އެޖެންޑާ ކޮށްފައި ވެއެވެ.