މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ އިލްކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރަން ފަށައިފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިއަދު 40 ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި ބާކީ ހުރި 47 ދާއިރާގެ ނަތީޖާ މިރޭ އިއުލާން ކުރާނެ ކަމަށެވެ. މި ފަހަރު ރާއްޖޭގެ އާބަދީގެ 80.2 ޕަސެންޓް ރައްޔިންތުން ވޯޓުލާފައިވެއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ރައްޔިތުން މަޖިލިސް އިންތިހާބެއްގައި މިހާ ގިނަ އަދަދަކަށް ވޯޓު ލާފައި ނުވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އޭގެތެރެއިން 107002 ފިރިހެނުންނާއި 105071 އަންހެނުން ވޯޓުލާފައިވެއެވެ.

އީސީން މީގެ ކުރިން ބުނީ ވަގުތީ ނަތީޖާ ރޭ އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް، ރޭ ނަތީޖާ އިއުލާން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ވީ އެންމެ އަވަހަކަށް އިންތިހާބުގެ ނަތީޖާ ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާއިރު، އީސީގެ ރައީސް އަހްމަދު ޝަަރީފް ވަނީ މި އިންތިހާބަކީ މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ އިންތިހާބު ކަން ފާހަގަ ކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ކުރީގެ އިންތިހާބުތަކާއި އަޅާބަލާއިރު، މި އިންތިހާބުގައި ޓާންއައުޓް ގިނަކަމަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264.442 މީހުންނަށް ލިބިގެންވާ އިރު، ވޯޓުލި މީހުންގެ އަދަދު 212،079 އަށް އަރައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރިއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބެހެއްޓިއިރު، މާލޭގައި ބެހެއްޓީ 144 ވޯޓުފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބެހެއްޓި އިރު ރާއްޖޭން ބޭރުގައި ބެހެއްޓީ އަށް ވޯޓު ފޮށްޓެވެ.