މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ވިޔަސް ނުވިއަސް އިންތިހާބުގައި ބައިވެރިވި ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭނެކަމަށް އިންތިހާބާ ބެހޭ ގާނޫނުގައިވެއެވެ.

އިންތިހާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން، އިންތިހާބަށްފަހު 30 ދުވަސްތެރޭގައި އެ ކެންޑިޑޭޓެއްގެ މާލީ ބަޔާން އިލްކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަކީ ކެންޑިޑޭޓް އަދި ކެންޑިޑޭޓްގެ އެޖެންޓްގެ ގާނޫނީ ޒިންމާއެކެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން މި ބަޔާން ހުށަހަޅަން ޖެހެނީ އަންނަ މޭމަހުގެ ފަސްވަނަ ދުވަހުގެ ކުރިންނެވެ.

ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާނުގައި އެ ކެންޑިޑޭޓަކު އިންތިހާބާ ގުޅިގެން ކޮށްފައިވަ ހަރަދުތަކުގެ ތަފްސީލު ހިމަނަން ޖެހެއެވެ. އަދި މި ތަފްސީލުގައި އިންތިހާބުގައި ތާއިދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭގޮތަށް ހިމަނަން ޖެހޭނެއެވެ. މާލީ ބަޔާނުގައި ހިމަނަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އިންތިހާބަށް ހަރަދު ކުރުމަށްޓަކައި ފައިސާ ހޯދި ގޮތުގެ ތަފްސީލާއި، އިންތިހާބުގައި ހަރަދުކުރުމަށް ކެންޑިޑޭޓަކަށް ފައިސާއާއި ތަކެތި މީހެއްގެ ފަރާތުން ލިބުނު ނަމަ، އެ މީހަކީ ކާކުކަމާއި އެމީހަކު ދިން މިންވަރުގެ ތަފްސީލު ހިމަނަން ޖެހޭނެއެވެ.

މާލީ ބަޔާނާއި އެކު އިންތިހާބުގައި ބޭނުންކުރުމަށް ހުޅުވައިފައިވާ އިންތިހާބުގެ ބޭންކް އެކަުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް އަންގައިދޭ ބޭންކް ސްޓޭޓްމެންޓެއް އީސީ އަށް ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން އީސީއަށް ހުށަހަޅާ ބަޔާނާއި ތަކެއްތީގައި ހިމެނެނީ ސައްހަ މައުލޫމާތުކަން އަންގައިދިނުމަށްޓަކައި އެ މައުލޫމާތަކާގުޅޭ ފައިސާގެ ރަސީދާއި، އިންވޮއިސް، ބިލް އަދި މިފަދަ އެންމެހައި ލިޔެކިއުމާއި ތަކެތި ބަޔާނާއި އެކު ހުށަހަޅަން ޖެހެއެވެ. ކެންޑިޑޭޓް ހުށަހަޅާ ބަޔާނުގައި ހިމެނެނީ މައުލޫމާތުކަން އެންގޭގޮތަށް ތައްޔާރުކޮށްފައިވާ އިގްރާރެއް ކެންޑިޑޭޓާއި ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އެޖެންޓް ސޮއިކޮށް އީސީއަށް ހުށަހަޅަން ޖެހެއެވެ.

ކެންޑިޑޭޓްގެ ބަޔާން އާންމުކޮށް ބެލޭނެ ނިޒާމް އީސީން ހަމަޖެއްސުމަކީ އީސީގެ ޒިންމާއެކެވެ. 19 ވަނަ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރިއިރު ހުރިހާ ކެންޑިޑޭޓުން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ.