ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން ހަރުދަނާ ކުރުމުގެ ގޮތުން މަޖިލީހަށް ޕެޓިޝަންތައް ހުށަހަޅަން ހާއްސަ ޕޯޓަލްއެއް ގާއިމުކޮށްފިއެވެ.
މިއަދު މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕޯޓަލް އިފްތިތާހުކޮށްފައިވާ އިރު، މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މަޖިލީހުން ބުނެއެވެ.
މި ޕޯޓަލްގައި ސޮއިކުރުމާއި، ސޮއިކުރާ ފަރާތްތަކުގެ ސައްހަން ކަށަވަރު ކުރާނީ 'އީ-ފާސް' މެދުވެރިކޮށް ކަން ފާހަގަކޮށް އެ އިދާރާއިން އިތުރަށް ބުނީ، ޕޯޓަލްގެ ސަބަބުން، ޕެޓިޝަނެއް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަރޯސާވުން ކުޑަކުރެވި، ރާއްޖޭ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށް ވެސް ފަސޭހަކަމާއެކު ޕެޓިޝަން ހުށަހެޅޭނެ ކަމަށެވެ.
ޕޯޓަލް އިފްތިތާހު ކުރުމާއެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަކުން އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާއިރު ސަރަޙައްދުން މިފަދަ ނިޒާމެއް މިހާތަނަށް ގާއިމުކޮށްފައި ވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގައި އެކަނި ކަމަށް ވެއެވެ.
މަޖިލީހުން ބުނި ގޮތުގައި އެ ޕޯޓަލް ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސްއާ ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާ އެކުގައެވެ.
މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، މިއީ ރައްޔިތުންނާއި މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މިއީ މަޖިލީހުގެ މަސައްކަތްތައް ޑިޖިޓަލްކޮށް، ދެފުށް ފެންނަ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޕޯޓަލް އިފްތިތާހުކުރުމާއެކު، ރައްޔިތުންގެ އަޑު މަޖިލީހަށް އިއްވުމަށް އިތުރު ދޮރެއް ހުޅުވި، ރައްޔިތުންގެ ބާރުވެރިކަން އިތުރުވެގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
