ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ ސައޫދީ އަރަބިއްޔާގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި މަހުގެ 19 އިން 24 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އަދި ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ، އަމީން އާންމުގެ ނައިބު މުހައްމަދު ރަޝީދު، ޗީފް އޮފް ބިއުރޯ އަހްމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.
ރައްޔިތުން މަޖިލީހުގެ ރައިސް ސައުދީއަށް ރަސްމީ ދަތުރުފުލެއްގައި ވަޑައިގަންނަވާ އިރު، މި މަހުގެ 13 އިން 18 އަށް އެމަނިކުފާނު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަކީ ކޮމަންވެލްތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅެކެވެ.
