މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުން އެމްޑީޕީ އަށް ބޮޑު އަޣުލަބިއްޔަތު ލިބުނު އިރު އދ އަތޮޅުގެ 2 ގޮނޑި ލިބުނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ.

އދ އަތޮޅު ތަމްސީލު ކުރުމަށް އެ އަތޮޅުގެ ތިން ދާއިރާ އޮންނަ އިރު، 2 ދާއިރާއެއްގެ ގޮނޑި ލިބުނީ ޖޭޕީ އަށެވެ. އދ އަތޮޅުގެ މާމިގިލި ދާއިރާ، ދަނގެތީ ދާއިރާގެ ގޮނޑިވެސް ޖޭޕީ ކާމިޔާބު ކުރީ ކުޑަ ތަފާތަކުންނެވެ.

އެގޮތުން މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވާ ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ގޮނޑި ލިބިވަޑައިގަތީ މި ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރި އަލީ އަމީޒާ ވާދަކޮށް 80 ވޯޓުގެ ތަފާތުންނެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 2724 މީހުންގެ ތެރެއިން މި ދާއިރާއަށް ވޯޓުލީ 2295 މީހުންނެވެ. އަދި ވޯޓުލި މީހުންގެ ތެރެއިން 2105 މީހުންގެ ވޯޓު ސައްހަ ކަމަށް ބެލެވޭ އިރު 190 މީހުންގެ ވޯޓު ބާތިލްވެފައިވެއެވެ.

މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ތޯރިގް (ޓޮމް) އަށް ގޮނޑި ލިބުނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ކުރިމަތިލި އަހްމަދު ސުނިލްއާ ވާދަކޮށް 102 ވޯޓުގެ ތަފާތުންނެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 2530 މީހުންނަށް ލިބިފައިވާ އިރު 2307 މީހުން މި ދާއިރާއަށް ވޯޓު ދީފައިވެއެވެ. އަދި ވޯޓުލި މީހުންގެ ތެރެއިން 2263 މީހުންގެ ވޯޓު ސައްހަ ކަމަށް ބެލެވޭ އިރު، 44 މީހުންގެ ވޯޓު ބާތިލްވެފައިވެއެވެ.

ދަނގެތީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަށް ގޮނޑި ލިބުނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރި މައުމޫން އަބްދުލްސަމަދް (މާންބެ) އާ ވާދަކޮށް 287 ވޯޓުގެ ތަފާތުންކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 2349 މީހުންނަށް ލިބިގެން ވާއިރު މި ދާއިރާއަށް ވޯޓުލާފައި ވަނީ 1805 މީހުންނެވެ. އަދި ވޯޓުލި މީހުންގެ ތެރެއިން 1770 މީހުންގެ ވޯޓު ސައްހަކަމަށް ބެލެވޭ އިރު 35 މީހުންގެ ވޯޓު ބާތިލް ވެފައި ވެއެވެ.

މި އިންތިހާބުގައި އެމްޑީޕީން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ހޯދިއިރު މިހާތަނަށް ނަތީޖާ ދައްކާ ގޮތުން އެ ޕާޓީއަށް 65 ގޮނޑި ލިބިފައިވެއެވެ.