ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ އަޑުހަރުކޮށް މަސައްކަތް ކުރި 12 މެންބަރުންނާއި އެ މެންބަރުންގެ ގޮނޑި ގެއްލުނު ވާހަކައަކީ މިދިޔަ އަހަރު އެންމެ ގިނައިން ދެކެވުނު އެއް ވާހަކައެވެ.
12 މެންބަރުންގެ ވާހަކަ މިދިޔަ އަހަރު ފަލަ ސުރުހީތަކުން ފެށިގެން ހޮޅުއަށިތަކުގައާއި ކެފޭ ރެސްޓޯރެންޓްތަކުގައި ވެސް ދެކެވުނެވެ. "ހިރޯ" ގެ ލަގަބު ދިން މި 12 މެންބަރުން ގޮނޑި ގެއްލި، މަޖިލިސް ގޮނޑި ދިފާއު ކުރުމަށް ކުރި މަސައްކަތުގައި ޖަލަށް ވެސް ދާން ޖެހުނެވެ. ނަމަވެސް މަސައްކަތް ނިންމާލީ ކުރީގެ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށްފަހުގައެވެ. މިއާއެކު އެ 12 މެންބަރުންވި ގުރުބާނީއަށްޓަކައި އެ މެންބަރުންނަށް ޕްރައިމަރިއާއި ނުލާ ދާއިރާގެ ޓިކެޓްތައް ދިނުމަށް ކޯލިޝަން ސަރުކާރުގެ ހަތަރު ލީޑަރުން އެއްބަސްވި ކަމަށް އަޑު ފެތުރުނެވެ.
މީގެ ތެރެއިން އެކަން ތެދު ކުރީ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އިންތިހާބު ނިމެންދެން ވެސް މައުމޫން ހުންނެވީ އެ ވައުދާ އަހުދުގެ މަތީގައެވެ. އަދި އެ މެންބަރުން އެންޑޯޒްކުރައްވާ، މެންބަރުންގެ ދާއިރާތަކަށް މައުމޫންގެ އެއްވެސް ކެންޑިޑޭޓެއް ނުނެރުއްވައެވެ. އަދި އެ މެންބަރުންނަށް ތާއިދުއޮތްކަން ހާމަކުރައްވާ މައުމޫން ވައުދުފުޅު ފުރިހަމަ ކުރެއްވިއެވެ.
12 މެންބަރުންގެ ގޮނޑި ދިފާއުކުރި އިރު، އެ މެންބަރުން ތިބީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ. ބައެއް މެންބަރުން އެކި ޕާޓީތަކާއި ގުޅި ވަޑައިގަތެވެ. މީގެ ތެރެއިން އެމްޑީޕީއަށް ދިޔައީ ދެ މެންބަރެކެވެ. އެއީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ. އެމްޑީޕީގެ ތެރޭގައި އޮންނަ އުސޫލުގެ މަތިން ޕްރައިމަރީގައި ދެ މެންބަރުން ވާދަކުރައްވާ ޓިކެޓް ލިބިވަޑައިގަތީ މުސްތަފާއަށް އެކަންޏެވެ. މުހައްމާ އަށް ލިބުނީ ނާކާމިޔާބީއެކެވެ.
މުހައްމާގެ ނާކާމިޔާބީއާއެކު އަމިއްލަ ގޮތުން ވާދަކުރަން ނިންމަވާ 12 މެންބަރުން އިއްޔެ ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވިއެވެ. ނަމަވެސް 12 މެންބަރުން ވެވަޑައިގެންނެވި ގުރުބާނީ ބަލައިގަތް ނެތޭ ބުނުމަކުން މުޅިން ދޮގަކަށް ނުވާނެއެވެ. އިންތިހާބުގައި ވާދަކުރި 12 މެންބަރުންގެ ތެރެއިން 11 މެންބަރުން ޖެހުނީ ނާކާމިޔާބާއި ކުރިމަތިލައްވަންށެވެ.
މި މެންބަރުންގެ ތެރެއިން ހަނިގޮތަކަށް ކާމިޔާބީ ލިބިވަދައިގެންނެވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނަށެވެ. ބޮޑު ތަފާތަކުން ނޫން ނަމަވެސް، ވިލިނގިލި ދާއިރާގެ ރައްޔިތުން ވަނީ ސައުދު އޯކޭ އޭ ބުނެ ދެވަނަ ފަހަރަށް މަޖިލީހަށް އިންތިހާބު ކޮށްދީފައެވެ. މިއީ ސައުދު އެ ދާއިރާގެ ހައްގުގައި ކުރި މަސައްކަތުގެ ފޮނި ނަތީޖާކަމަށް ސައުދަށް ތާއިދުކުރާ މީހުން ދަނީ ބުނަމުންނެވެ.
މެންބަރުންގެ ގުރުބާނީއާއި، ރާއްޖޭގައި ކުރިން އޮތް ހުދުމުތާރު ވެރިކަމެއް ބަލިކުރަން ރައްޔިތުން ކުރި މަސައްކަތުގައި އެކަމުގެ އަސްލަަށްވެގެންދިޔަކަމަށް ގިނަ ބަޔަކު ގަބޫލުކުރި މެންބަރުން ކުރިން ތަމްސީލުކުރެއްވި ދާއިރާތަކަށް ކުރިމަތިލެއްވީ ވަރަށް ބޮޑު ޔަގީންކަމަކާއެކުގައެވެ. މަދު މެންބަރުންނެއް ދާއިރާ ބަދަލުކުރިއެވެ. ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު އަމިއްލަ ގޮތުން ވާދަކުރެއްވި ދިއްދޫ ދާއިރާގެ މެންބަރު މުހައްމަދު ލަތީފްގެ މައްޗަށް، އެ ދާއިރާއިން ކުރި ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ވަހީދެވެ.
މުހައްމަދު އަމީތަސް ވެސް ލިބިވަޑައިގަތީ ނާކާމިޔާބީއެވެ. އަމީތާއި ވާދަކުރައްވާ މަޑުއްވަރީ ދާއިރާއިން ކުރި ހޯއްދެވީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ނާކާމިޔާބިއަށް ފަހު، އަމިއްލަ ގޮތުން އިހަވަންދޫ ދާއިރާ އަށް ވާދަކުރެއްވި މުހައްމާ އަށް ލިބިވަޑައިގެންނެވީ އަނެއްކާ ވެސް ނާކާމިޔާބީއެވެ. އިހަވަންދޫ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވީ އެމްޑީޕީ ޕްރައިމަރީގައި ވެސް އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި މުހައްމަދު ޝިފާއުއެވެ.
ޖުމްހޫރީ ޕާޓީއާއި ދެން ގުޅިވަޑައިގެންނެވި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ ވެސް ކުރިމަތިލައްވަން ޖެހުނީ އިއްޔެ ބޭއްވި އިންތިހާބުގައި ނާކާމިޔާބީއާއެވެ. ހަނިމާދޫ ދާއިރާ ކާމިޔާބު ކުރެއްވީ ވެސް އެމްޑީޕީގެ މެންބަރެކެވެ. ހަނިމާދޫ ދާއިރާއަށް އެމްޑީޕީން ކުރިމަތިލެއްވީ މިހާރު ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާއެވެ.
އެމްޑީޕީގައި އެންމެ އަޑުގަދަ ކެންޑިޑޭޓް މުހައްމަދު މުސްތަފާއަށް ވެސް ލިބިވަޑައިގަތީ ނާކާމިޔާބީއެވެ. ވާދަވެރިގޮތަކަށް ތިމަރަަފުށި ދާއިރާ ކާމިޔާބު ކުރެއްވީ މުސްތަފާއާއި ދެކޮޅަށް ޖޭޕީން ނުކުތް ކެންޑިޑޭތް އަބްދުﷲ ރިޔާޒެވެ.