މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ހުރިހާ ރައްޔިތުން ވީހާ ވެސް އަވަހަށް ވޯޓުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު ރައީސް ވިދާޅުވީ، ވަރަށް ހަމަޖެހިލައިގެން ހުރިހާ ރައްޔިތުން ވެސް ވޯޓުލަމުން ގެންދާ މަންޒަރު މިއަދު ފެނިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ސޯލިހު ވޯޓު ލައްވާފައި ވަނީ ޖަމާލުއްދީން ސުކޫލު ގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ވޯޓު ފޮށްޓަށެވެ. އެ ސުކޫލުގައި ޖުމްލަ 6 ވޯޓު ފޮށި ބަހައްޓާފައި ވާއިރު އޭގެތެރޭގައި ހިންނަވަރު ދާއިރާގެ ދެ ފޮށި ހިމެނެއެވެ.

މަޖިލިސް އިންތިހާބުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިހާރު ވޯޓު ލައްވައިފިއެވެ. ނައިބު ރައީސް ފައިސަލް ވޯޓު ލައްވާފައި ވަނީ ބްރޮޑްކާސްޓިން ކަމިޝަން ހުންނަ ބިލްޑިން ގައި ބަހައްޓާފައިވާ ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށެވެ.

ނައިބު ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދާ އިންތިހާބަކީ ވަރަށް އަމާން އިންތިހާބެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއިން އެނގިގެން ދަނީ، ސިޔާސީ މައިދާނުގައި އިދިކޮޅު ފަރާތް ތަކަށް ވެސް މިހާރު ހަމަ ހަމަ ފުރުސަތު ލިބިފައި ވާކަން ކަމަށް ވެސް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.