އެއް ވޯޓު ފޮށި ފިޔަވާ އެހެން ވޯޓު ފޮށި ތަކުގައި ވަގުތަށް ވޯޓުލާން ފެށިފައި ވާކަމަށް އިލެކްޝަންސް ކަމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ވޯޓުލާން ނުފެށި ލަސްވެފައި ވަނީ، ތިލަފުށީގައި ހުރި ޖަލެއްގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެއް ކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު އެ ފޮށްޓަށް ވޯޓު ލުމުގެ ކަންތައްތައް ފެށިގެން ކުރިއަށް ދާކަމަށް އަކްރަމް މައުލޫމާތު ދެއެވެ.

މީގެ އިތުރުން ގައްދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގައި ވެސް މައްސަލައެއް ދިމާވެފައި ވާކަމަށް އީށިން މައުލޫމާތު ދެއެވެ. އީސީން ބުނީ، އެއީ މާލޭގައި ދިރިއުޅޭ ގައްދޫ ރައްޔިތުންގެ ވޯޓާސް ލިސްޓާއި ގައްދޫގައި ދިރިއުޅޭ ރައްޔިތުންގެ ވޯޓާސް ލިސްޓް ސްވިޗް ވެފައި ވާތީ ޖެހިފައިވާ މައްސަލަ އެއް ކަމަށެވެ. އެކަމަކު މި ދެ ވޯޓު ފޮށްޓަށް ވެސް ވޯޓު ލުމުގެ ކަންކަން ފެށިގެން ކުރިއަށް ދާކަމަށް އީސީން މައުލޫމާތު ދެއެވެ.

މި އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާއިރު، 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މި އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރެއެވެ.