އަންނަ ހޮނިހިރު ދުވަހު ބައްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓްގައި ނަން ހިމަނައިދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހެޅި ހަތް މީހުންގެ މައްސަލައިގައި، އެފަދަ އަމުރެއް ނެރެންޖެހޭނެ ސަބަބެއް ނެތްކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ވަކިވަކިން ބެލި މި މައްސަލަތަކުގައި އަމުރުކޮށްފައިވަނީ، މަޖިލިސް އިންތިހާބާއި ގުޅިގެން ހަތް މީހަކު، އެމީހުންގެ ނަން ތިމަރަފުށީ ވޯޓާސް ލިސްޓްގައި ހިމަނައިދިނުމަށް އެދި މައްސަލަ ހުށަހެޅުމުންނެވެ. މި މައްސަލަ އެމީހުން ހުށަހަޅާފައިިވަނީ ތިމަރަފުށްޓަށް އެމީހުންގެ ރަށްވެހިކަން ބަދަލުކުރަން ހުށަހަޅާފައިވަނިކޮށް އެމީހުންހގެ ނަން ތިމަރަފުށީ ވޯޓާސް ލިސްޓުގައި ނެތުމުންނެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އީސީއަށް ހުށަހަޅާ ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ފަސް ދުވަސްތެރޭގައި ހައި ކޯޓަށް ހުށަހަޅަން ޖެހެނެކަމަށް ގާނޫނުގައި ބުނެފައިވާ އިރު، އެ މުއްދަތުގައި އެ ހަތް މީހުން ކޯޓަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި މައްސަލަ ކޯޓަށް ނުވެއްދުމުން، އެއީ މައްސަލަ ހުށަހެޅުމުގެ ހައްގު ދޫކޮށްލުން ކަމަށް ބެލެވޭނެކަމަށް ވެސް ހުކުމުގައި ވެއެވެ.

މީގެ އިތުރުން ވޯޓާސް ލިސްޓު އެކުލަވާލުމަށް ބަލަންޖެހޭނީ ޑީއެންއާރުގެ ޑޭޓާ ބޭސްކަމަށް އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާއިރު، މައްސަލަ ހުށަހެޅި މީހުންގެ ތެރެއިން ބައެއް މީހުން ރަށްވެހިކަން ބަދަލުކޮށްފައިވަނީ އެކަމަށް ކޮމިޝަނުން ދިން މުއްދަތު ހަމަވި ފަހުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.