ސުނާމީން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަމިއްލަ ފަރުދުންނަށް ދޫކޮށްފައި ހުރި ލޯނު ތަކުގެ ތެރެއިން މިހާތަނަށް ނުދެއްކި ހުރި 30.4 މިލިއަން ރުފިޔާގެ ތެރެއިން 15.2 މިލިއަން ރުފިޔާ ސަރުކާރުން ދައްކައިފިއެވެ.

މި ލޯނުތައް ސަރުކާރުން ދައްކާފައި ވަނީ، ލޯނުތައް ދޫކޮށްފައިވާ މީހުންނަށް ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރުމުން ކަމަށާއި، ލޯނު ނުދައްކާ ގިނަ ދުވަސްތަކެއް ވަމުންދާތީ މިކަމުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމުގެ މަތިން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިއާ އެކު އެ ލޯނުތަކުގެ ބާކީ ހުރި 15.2 މިލިއަން ރުފިޔާ ބީއެމްއެލް އިން ވަނީ މައާފު ކޮށްދީފައެވެ.

އަދި މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޗެމްބާ އޮފް ކޮމާސް އާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ފަރާތުން ސުނާމީ އާ ގުޅިގެން އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން މިހާތަނަށް ނުދައްކައި ހުރި 9.49 މިލިއަން ރުފިޔާގެ ލޯނު އެ އިދާރާތަކުން ވެސް ވަނީ މައާފު ކޮށްދީފައެވެ.

މިކަމާ ގުޅިގެން ސުނާމީ ކާރިސާ ގުޅުން ހުރި ހުރިހާ ލޯނެއް ވަނީ ހަލާސް ވެފައެވެ.