އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ އާންމު ކޮމެޓީއިން އިއްޔެ ނިންމާފައިވާ ނިންމުމަކީ، ގާނޫނަށް ކުރި މަލާމާތެއް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ވިދާޅުވީ، އިމްޕީޗްމަންޓާ ބެހޭގޮތުން ސްޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމަކީ ނުރަނގަޅު ނިންމުމެއް ކަމަށެވެ. އެކަމަކު ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވާ ގާނޫނަކީ ސާފު ގާނޫނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސުޕްރީމް ކޯޓުގެ ހުކުމަކުން އެނޫން ގޮތަކަށް ނިންމަންދެން، ހުރިހާ ފަރާތްތަކުންވެސް އެއްވެސް އިސްތިސްނާ އަކާ ނުލާ، އެ ކޯޓުން ނިންމާފައިވާ ނިންމުމަށް ތަބާ ވާން ޖެހޭނެ ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން 2017 ވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކީ އެކަށީގެންވާ ސަބަބެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ކަމުގައި ވިޔަސް އެ މައްސަލައާ ގުޅޭ ގޮތުން ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށް ވެސް ހުކުމުގައި ވެއެވެ.

މަޖިލީހުގެ އާންމު ކޮމެޓީއިން، އިއްޔެ ނިންމާފައިވަނީ، އިތުބާރު ނެތްކަމުގެ މައްސަލަ ކޮމިޓީއަކަށް ފޮނުވާތާ 10 ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމައި، ބަހުސްގެ މަރުހަލާއަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި އެ ވަޒީރަކަށް ނުވަތަ އޭނާގެ ވަކީލަކަށް ޖަވާބުދާރީވާނޭ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.

އަދި ވަޒީރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅައި، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ މީހަކު ވަގުތުން މަގާމުން ވަކިވާނެ ކަމަށްވެސް ގަވާއިދުގައި ވެއެވެ.