"ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި އަޑިޔަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި ގެއްލުނު މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮގަސްޓް 6 ވަނަ ދުވަހު ވަނީ ވައިގެ މަގުން ވަރަށް ބޮޑު ސަރަހައްދެއް ބަލާފައެވެ. އެގޮތުން މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ.

މީގެ އިތުރުން ކަނޑުމަގުން ކުރިއަށްގެންދާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކުގެ އިތުރުން "SA038" އަދި "SA037" ސީއެމްބިއުލޭންސް ދަނީ ބޭނުންކުރަމުންނެވެ. އަދި ފުލުހުންގެ ލޯންޗުތައްވެސް ހިމެނޭހެން ކަނޑުމަގުން މިހާތަނަށް 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގައި އިއްޔެ ރޭގެ ވަގުތެއްގައެވެ. އެ ދޯންޏައް ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށްދިޔައެވެ.

އެ ދޯނި އަޑިއަށް ދިޔައިރު، އޭގައި އަށް މީހުން ތިބިއިރު އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި މުހައްމަދު ހަމްދޫން (35 އަހަރު)، އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޕޮލިސް ސާޖަންޓު އަލީ ނާފިއު (33 އަހަރު)، އަދި އެމްއެންޑީއެފްގެ ސާޖަންޓު އިބްރާހީމް އަހްމަދު (39 އަހަރު) އެވެ.

ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މީހުން ފެނިފައި ނުވެއެވެ.