ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މިދިޔަ ބުދަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ގަން ޕޮލިސް ސްޓޭޝަނުން ކުރަމުން އަންނަ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، ސ. މަރަދޫ / ފާގަތިގެ ފުލުހުން ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން އެކި މީހުން ވަގަށްނަގައިގެން ވިއްކާފައިވާ ތަކެތި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރޭގައި، ޕަވަރ ޓޫލް، ކާޗަރ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނޭއިރު މި ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫ / ފާގަތި، އަބްދުﷲ އުމަރު (58އ)އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
