އަންގާރަ ދުވަހު ހެނދުނު ތިން ކިލޯއަށް ވުރެ ގިނަ ހަޝިޝް އާއެކު ކޮޗިން އެއާޕޯޓުން، ދިވެއްސަކު އަތުލައިގެންފައިވާ ކަމަށް، އެ އެއާޕޯޓުގެ ކަސްޓަމްސްއާ ހަވާލަދީ އިންޑިއާގެ ނޫހަކުން ބުނެފިއެވެ.

އެ ނޫހުން ބުނެފައި ވަނީ އަތުލައިގެންފައިވާ މަސްތުވާތަކެތީގެ އަގު 150 މިލިއަން އިންޑިއާ ރުޕީސް އަރާކަމަށެވެ.

މިގޮތުން އެނޫހުން ބުނީ، މަސްތުވާތަކެއްޗާއެކު ރާއްޖެ ދާން އުޅެނިކޮށް އަތުލައިގެންފައި ވަނީ މުހައްމަދު ސޮބާހު ނަމަކަށް ކިޔާ މީހެކެވެ.

އޭނާގެ ދަބަހުގެ ތެރޭގައި މަސްތުވާތަކެތި ހުރިކަން އެނގިފައި ވަނީ، ދަބަސް ސްކްރީން ކުރި އިރު މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވިގެން، އެއާޕޯޓު އޮފިޝަލުން ކަސްޓަމްސްއަށް ދިން މައުލޫމާތާ ގުޅިގެން، ކުއްތާ ސުކުއާޑެއް ދޫކޮށްލުމުންނެވެ.

އެ ނޫހުން އިތުރަށް ބުނެފައި ވަނީ، އޭނާ މަސްތުވާތަކެތި ރައްކާކޮށްފައި ވަނީ ދަބަހުގައި ހުރި ސިއްރު ވަތްގަނޑެއްގައި ކަމަށެވެ.

އަދި މީގެ އިތުރުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ސާންޕަލެއް ތަހުގީގު ކުރުމަށްޓަކާ ލެބޯޓަރީއަކަށް ފޮނުވާފައިވާނެ ކަމަށާއި، އެތަކެއްޗާއި، އަތުލައިގަނެފައިވާ މީހާ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއާ ހަވާލުކުރާނެ ކަމަށް ކަސްޓަމްސް ކޮމިޝަނާ ސުމިތް ކުމާރާ ހަވާލާދީ ނޫހުން ބުނެފައިވެއެވެ.

އަދި ބުދަދުވަހު އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށްވެސް ނޫހުން ލަފާކޮށްފައިވެއެވެ.