މަސްތުވާތަކެއްޗާ ދެކޮޅަށް ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ބޭއްވި "އިންޓަ އޭޖެންސީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފޯރަމް" ނިންމާލައިފިއެވެ.

ސެޕްޓެމްބަރު 6 އިން 7 އަށް އައްޑޫ ސިޓީގެ ކެނެރީފް ރިޒޯޓް މޯލްޑިވްސްގައި ކުރިއަށްދިޔަ "އިންޓަ އޭޖެންސީ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ފޯރަމް: ރިވިޒިޓިން ގެޕްސް އެންޑް ރިކަވަރީ އިން ދަ ސައުތު" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ މަސްތުވާތަކެއްޗަކީ ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް އެކަނި އޮތް މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދައުލަތާއި މުޖުތަމައު އެކުގައި މަސައްކަތްކޮށްގެން ހައްލު ހޯދަންޖެހިފައިވާ ބޮޑު ގައުމީ މައްސަލައެއް ކަމަށެވެ.

މި މަސައްކަތުގައި ޑްރަގް ކޯޓާއި، އެންޑީއޭ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ހިމެނޭހެން ދައުލަތުގެ މުއައްސަސާތަކުން ދެއްވާ އެއްބާރުލުން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

ސީޕީ އިތުރަށް ވިދާޅުވީ ކަރުދާހުގައި ނޯޓުކުރެވޭ މުހިންމު އިލްމީ ވާހަކަތައް ހަމައެކަނި މަޝްވަރާއެއްގެ ގޮތުގައި ނުބަހައްޓާ އޭގެ އަމަލީ ނަތީޖާ ރައްޔިތުންނަށް ފެންނާނެހެން މަސައްކަތް ބައްޓަންކުރުމަކީ އިންތިހާއަށް މުހިންމު ކަމެއްކަމަށެވެ.

މީގެއިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ދީނީ އަދި ގައުމީ ވާޖިބެއްކަން ފާހަގަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މައްސަލަ ހައްލުކުރެއްވުމަށް ވަސީލަތްތައް ހަމަޖައްސަވައިދެއްވުމަށް ދެއްވާ އިސްކަމަށް ސީޕީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ސީޕީ ވަނީ މި ފަދަ ފޯރަމްތައް ރާއްޖޭގެ އެހެން ޑިވިޝަންތަކާއި ރީޖަންތަކުގައި ވެސް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ހަރަކާތްތެރިވާ އަމިއްލަ ޖަމުއިއްޔާތަކަށް ފުލުހުންގެ އެއްބާރުލުން އަބަދު ވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސީޕީ ވިދާޅުވީ ކުރިއަށް ގެންދެވުނު މި ފޯރަމްގައި އެއްބަސްވި 12 ނުކުތާ އަމަލީ މައިދާނުގައި ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި، ފޯރަމްގެ މަޝްވަރާތަކަށްފަހު އެއްބަސްވެވުނު ނުކުތާތަކަކީ ދެކުނުގެ ހަތަރު އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް ވެސް މަސްތުވާތަކެތީގެ މައްސަލައިގައި ކުރިއެރުންތަކެއް ހޯދައިދޭނެ މުހިންމު ނިންމުންތަކެއްކަމަށެވެ.