އަންނަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފުރިހަމަ ނަމާއި އެކު ކެންޑިޑޭޓުންގެ އާންމެ ނަން ވޯޓު ކަރުދާހުގައި ޖަހަން އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމައިފިއެވެ.

އީސީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީސް އިންތިހާބު 2019 ގެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ފުރިހަމަ ނަމުގެ އިތުރުން އާންމު ނަމެއް ޖެހުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އީސީން އިންތިހާބެއްގެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމު ނަން ޖަހާ މިއީ ފުރަތަމަ ފަހަރެވެ. މިހާތަނަން ބޭއްވި އިންތިހާބުތަކުގައި ވޯޓު ކަރުދާހުގައި ޖަހާފައިވަނީ އެ ކެންޑިޑޭޓެއްގެ ފުރިހަމަ ނަން އެކަންޏެވެ.

މަޖިލީހުގެ 87 ދާއިރާއަށް މި ފަހަރު 393 ކެންޑިޑޭޓުން ވާދަ ކުރެއެވެ. މި އިންތަހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާއިރު 507 ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.