އައްޑޫ ސިޓީ ހިތަދޫގައި ކުރިން ބޭނުން ކުރަމުން ދިޔަ މަސް ފެކްޓްރީއެއްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައި ވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މިއަދު އިރުއޮށްސުމާ ގާތްވެފައި ވަނިކޮށް ރޯވި އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފުން ބުނީ މިރޭ 7:30 ހާ އިރުއެވެ.

ކުރިން ހިތަދޫގައި ބޭނުން ކުރި މި އިމާރާތަކީ މިހާރު އެއްވެސް ކަމަކަށް ބޭނުން ކުރާ އިމާރާތެއް ނޫން ނަމަވެސް އެތަނުގައި އަގު ބޮޑު މުދާތަކެއް ހުރި ކަމަކަމަށާ ގިނަ ތަކެތި އަނދައިގެން ގޮސްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ހިތަދޫގެ މި އިމާރާތުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެއެވެ. އަދި މިތަނުގައި ހުރީ ކޮން ބައެއްގެ މުދަލެއް ކަމެއް، މުދަލުގެ އަގެއްވެސް އަދި ނޭނޭނގެއެވެ.

އެމްއެންޑީއެފުން ބުނީ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާއިރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.