ރޭގެ ވަގުތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ގެންދެވި ކަޅު ދަބަހަކީ ކުޅެން ބޭނުންކުރެއްވި ސާމާނު އަޅައިގެން ގެނައި ދަބަހެއް ކަމަށް މިނިސްޓަރު ވިދާޅުވެއްޖެއެވެ،

ރޭ ރައްޔިތުންގެ މަޖިލީހަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަޑައިގެންނެވިއިރު ގެންދެވި ކަޅު ދަބަހާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ބަންޑާރަނައިބު އަހުމަދު އުޝާމްއާ އެކު މިނިސްޓަރު މަޖިލީހަށް ވަޑައިގަތީ މަޖިލީހުގެ ބައެއް މެންބަރުން އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި އެއީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެންބަރުން ސާފުކުރަން ބޭނުންވި ކަންކަން އޮޅުންފިލުވައި ދިނުމަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މި ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑިއާ، އާރަށުން ފުޓްބޯޅަ ކުޅެގެން އައި ގަޑިއާ ދިމާވުމުން، ލޯންޗުން ފޭބި ގޮތަށް ސީދާ މަޖިލިސް އިދާރާއަށް ވަޑައިގަންނަވަންޖެހުނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަޖިލިސް އިދާރާއަށް ވައްދާފައިވަނީ ސެކިއުރިޓީ ޗެކް ކުރުމަށްޓަކައި ސްކޭނަރުން ސްކޭން ކުރުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަވާ އަދި ސީސީޓީވީ ކެމެރާ އާއި ދަބަސް ސްކޭނަރު އަދި ބޮޑީ ސްކޭނަރު ވެސް ބަހައްޓާފައިވާ ތަނެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ތަނަށް ދައުލަތުގެ ވަޒީރުންނަށް ވެސް ވަދެވެނީ އައިޑީ ކާޑު ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށެވެ.