ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުކުރުމަށާއި ޓެކްސް ނިޒާމު ހަރުދަނާކުރުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓެކްސްގެ ދެ ބިލެއް، ސަބް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް (ޖީއެސްޓީ)އިސްލާހު ގެނައުމުގެ ބިލެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރިއިރު މި ބިލުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖާކޮށް އިސްލާހު ކުރުމެވެ.
މި ބިލުގައިވާ ގޮތުން އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކް އެބިޓްޑާގެ 25 ޕަސެންޓެވެ. ޖެނުއަރީ 1، 2027 އިން ފެށިގެން އަމަލުކުރުމަށް ހުށަހަޅާފައިވާ މި އިސްލާހު ތަންފީޒުވާން ފެށުމުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް އިތުރަށް 496.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ޖީއެސްޓީ ގާނޫނަށް ގެނެވޭ އިސްލާހުގެ ބިލުގެ މައިގަނޑު އަމާޒަކީ ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހަރުދަނާކުރުމާއި، ޓެކުހަށް މަކަރު ހެދުމުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ ހޯދުމަށް ދާއިމީ ހައްލެއް ގެނައުމެވެ.
މީގެ އިތުރުން، ގާނޫނު މިހާރު އޮތްގޮތުން ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތައް ނައްތާލައި، ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމަކީވެސް މި ބިލުގެ މަގްސަދެކެވެ. މުޅި މަޖިލީހުގެ ކޮމިޓީން މި ދެ ބިލު ފާސްކުރުމާ ގުޅިގެން، ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މި ދެ ބިލަށް ވޯޓަށް އަހައި، ފާސްކުރުމުގެ މަރުހަލާއެވެ.
