ބަންގްލަދޭޝްގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި މިރްޒާ ފަހުރުލް އިސްލާމް އާލަމްގީރަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ފާއިތުވި 35 އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވުނު ފުރަތަމަ ވާދަވެރި ރައީސުލްޖުމްހޫރިއްޔާކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ އެ ގައުމުގެ ދިމުގުރާތީ ދަތުރުގައި ލިބުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކުރައްވާފައިވާކަމަށެވެ.

އަދި މިއީ އެ މަނިކުފާނަށް ބަންގްލަދޭޝްގެ ރައްޔިތުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުމަކީ ތާރީހީ ބަދަހި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ، އަދި ސަރަހައްދީ ހަމަޖެހުމާއި ތަރައްގީއަށް ދެ ގައުމުން ވެސް ކުރާ މަސައްކަތުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް ކަމަށް ވިދާޅުވެފައިވާކަމަށެވެ.

މީގެއިތުރުން އާ ރައީސްގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާވެ، ގުޅުން ކުރިއަށްވުރެ ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ސިޓީފުޅު ނިންމަވާލައްވާފައިވަނީ ރައީސް މިރްޒާ ފަހުރުލްގެ ދައުރުގައި ބަންގްލަދޭޝްއަށް ދެމެހެއްޓެނިވި އަމަންއަމާންކަމާއި، ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަތުމަށްފަހުއެވެ.