މަގުމަތީގެ ގަވާއިދުތަކަށް ބެލުމެއްނެތި، އަމިއްލަ އެދުމުގައި ކުރާ ފަރުވާކުޑަ އަމަލުތަކުގެ ބުރަ އުފުލަންޖެހެނީ އެއްވެސް ކުށެއްނެތް އާންމު ރައްޔިތުންނެވެ.
ރޭ ދަންވަރު ހުޅުމާލޭ ނިރޮޅުމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ އެކަމުގެ ހިތާމަވެރި މިސާލެކެވެ. ގަވާއިދާ އެއްގޮތަށް އަމާންކަމާއެކު ދުއްވާފައިދިޔަ އެއް އާއިލާއެއްގެ ދެބެންގެދެދަރި ދެ ޒުވާނެއްގެ ދިރިއުޅުން، މަގުމަތީގެ ގަވާއިދާ ހިލާފުވި ބައެއްގެ އިހުމާލުން މިވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައެވެ.
ރޭ ދަންވަރު 3:00 ހާއިރު، ހުޅުމާލޭ ނިރޮޅުމަގުގައި މި ހާދިސާ ހިނގީ ވަންވޭއާ އިދިކޮޅަށް، ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް، ގަވާއިދުން ދުއްވާފައިދިޔަ ދެ ޒުވާނުންގެ ސައިކަލުގައި ޖެހިގެންނެވެ. ނަމަވެސް، އެހެން ބައެއްގެ އިހުމާލުން ލިބުނު ބޮޑެތި އަނިޔާތަކާއެކު، އެ ދެ ޒުވާނުންނަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންނެވެ.
އަނިޔާވި އެއް ޒުވާނާގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު، އޭނާގެ އެމެޖެންސީ ސާޖަރީއެއް ދަނީ ކުރަމުންކަމަށް އާއިލާއިން މައުލޫމާތުދެއެވެ. ދެވަނަ ޒުވާނާގެ މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާގެ ހާލުވެސް ސީރިއަސްއެވެ.
އެކްސިޑެންޓް މެދުވެރިކުރި ސައިކަލު ދުއްވަން އިން މީހާއަކީ ސައިކަލު ވަގަށް ނަގައިގެން ދުއްވި، ލައިސަންސް ނެތް، އަދި ޓްރެފިކް ޖޫރިމަނާގެ ގޮތުގައި 100،000 ރުފިޔާއާ ގާތްކުރާ އަދަދެއް އަރާފައިވާ ކުށުގެ ބޮޑު ރެކޯޑެއް އޮތް މީހެކެވެ.
އާއިލާއިން ވަނީ ގަވާއިދާ އެއްގޮތަށް ދުއްވަމުންދަނިކޮށް މިފަދަ ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާންޖެހުމުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ދެ ޒުވާނުންނަށް ހެޔޮ ދުއާކޮށްދިނުމަށް އާންމުންގެ ކިބައިން އެދިފައެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2:55 އެހައިކަންހާއިރުކަމަށެވެ. މި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ އެންމެންނަށްވެސް ދަނީ ފަރުވާ ދެމުންނެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިފަދަ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލޭ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ.
