މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި، ހޯމަ ދުވަހުގެ ރެއިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ މަގުތައް ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުގެ ބަސް ދަތުރުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ވެސްޓްޕާކާ އިންވެގެން އޮންނަ ހަވީރީ މަގު ބަންދުކުރުމާ ގުޅިގެން އޯކިޑު އަދި އޮރެންޖް ހިޔާ ރޫޓުގެ ބަސްތައް ދެން ވެސްޓްޕާކު ސްޓޮޕަކަށް ނުދާނެއެވެ. އޭގެ ބަދަލުގައި މި ދެ ރޫޓުގެ ދަތުރުތައް ފަށާ ސްޓޭޝަނެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވަނީ މާފަންނު މަދަރުސާ ކައިރީގައި ހުންނަ ބަސް ސްޓޮޕެވެ.
މީގެ އިތުރުން ހެންވޭރު ކޮޅުން ފުރައިގެން މަޖީދީ މަގުން އަންނަ ބަސްތައް މާފަންނަށް އެނބުރި ދިއުމުގައި ދަތުރުކުރާނީ ކަނބާ އައިސާ ރަނި ހިނގުމުން ގޮސް ސޯޝަލް ސެންޓަރުގެ ސްޓޮޕަށް މަޑުކުރުމަށްފަހު، ސަބުދެލި މަގުން އަލުން މަޖީދީ މަގަށް ނުކުމެގެންނެވެ. މި ބަދަލުތަކާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ. އަދި ދަތުރުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު 1650 ނަންބަރު ހޮޓްލައިނުން ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ފުޅާކޮށް ތާރުއެޅުމުގެ މަޝްރޫއަކީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ކުރިއަށްދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ މަސްމާރުކޭޓުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެއްގަމު ތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގު ފުޅާކޮށްފައެވެ. އަދި ނޯތު ހާބަރުން ފެށިގެން ރަސްމީ ފާލަމާއި ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ވެސް ވަނީ މަގު ތަރައްގީކޮށް ތާރު އަޅައި ނިންމައިފައެވެ.
މި މަޝްރޫއުގެ ތެރެއިން މިހާރު ތާރުނޭޅި ބާކީ އޮތީ އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ބައެވެ. ވެސްޓްޕާކް ސަރަހައްދު ބަންދުކޮށްގެން މިހާރު ފަށާފައިވަނީ މި ބައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތެވެ.
