މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ "ލީޑާޝިޕް ކޮންފަރެންސް 2026" ބާއްވައިފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މި ކޮންފަރެންސަކީ "ލީޑިންގް ފޯވާޑް: ޕީޕަލް، ޕާފޯމަންސް އެންޑް ޓްރާންސްފޮމޭޝަން" މި ޝިއާރުގެ ދަށުން އިންތިޒާމުކުރި ހާއްސަ ހަރަކާތެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ކޮންފަރެންސްގައި އެމްޓީސީސީގެ އެކި ދާއިރާތަކާއި ޑިޕާޓްމަންޓްތަކުން 140 އަށްވުރެ ގިނަ ލީޑަރުން ވަނީ ބައިވެރިވެފައެވެ. ބައިވެރިންގެ މެދުގައި މައުލޫމާތު މުއްސަނދިކުރުމާއި، ކުންފުނީގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި ބިނާކުރަނިވި އަދި ފައިދާހުރި މަޝްވަރާތަކެއް މި ބައްދަލުވުމުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ކޮންފަރެންސްގެ ތެރެއިން ހިންގުނު އެންމެ ހާއްސަ އެއް ހަރަކާތަކީ އެމްޓީސީސީގެ "ލީޑާޝިޕް ސެޓްފިކެޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހުކުރުން ކަމަށް ވެއެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އަހުމަދު ސައުދީއެވެ. މި ޕްރޮގްރާމަކީ ކުންފުނީގެ ލީޑަރުންގެ ފެންވަރާއި ގާބިލުކަން އިތުރުކޮށް، މެދުކެނޑުމެއްނެތި ފަންނީ ގޮތުން ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގްސަދުގައި ތައާރަފުކުރި ޕްރޮގްރާމެއް ކަމަށް އެމްޓީސީސީން ވަނީ މައުލޫމާތު ދީފައެވެ.

ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޑީ އަހުމަދު ސައުދީ ވަނީ، މުވައްޒަފުން އަބަދުވެސް ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ކޮންފަރެންސެއްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގައުމީ ފެންވަރުގައި އެމްޓީސީސީއާ ހަވާލުވެފައިވާ ބިޔަ މަސްއޫލިއްޔަތު އަދާކުރުމުގައި ފުރިހަމައަށް ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ކުންފުންޏަށްޓަކައި އަމިއްލައަށް އިސްނަގައިގެން، އިހްލާސްތެރި ހެޔޮ ނިޔަތުގައި މަސައްކަތްކުރާނެ ހީވާގި، މުރާލި މުވައްޒަފުންތަކެއް މިއަދު ކުންފުންޏަށް ނުހަނު ބޭނުންވެފައިވާކަން އެމްޑީގެ ވާހަކަައިގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މި ކޮންފަރެންސްގެ މުހިންމު ސެޝަންތައް ނަންގަވައިދެއްވުމަށްޓަކައި ލީޑާޝިޕާއި، މެނޭޖްމަންޓާއި އަދި ޒަމާނީ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގެ ފުންނާބުއުސް ތަޖުރިބާކާރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުން ހިއްސާކުރެއްވި އަގުހުރި ތަޖުރިބާތަކާއި އިލްމީ މައުލޫމާތުތަކަށްޓަކައި، ސައުދީ ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެމްޓީސީސީގެ "ލީޑާޝިޕް ކޮންފަރެންސް 2026"ގައި ވާހަކަ ދެއްކެވި ކީ ނޯޓް ސްޕީކަރުން

އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ އަމާޒު ގައުމީ ތަރައްގީގެ އެންމެ އިސް އެއް ބައިވެރިޔާގެ ހައިސިއްޔަތުން، އެމްޓީސީސީގެ އެންމެ ބޮޑު އަމާޒަކީ ހަމައެކަނި އިމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުން ނޫން ކަމަށާއި، ޒަމާނީ ބަދަލުތަކަށް ހޭލުންތެރި، މުސްތަގުބަލަށް ތައްޔާރުވެފައިވާ ގާބިލު ލީޑަރުންތަކެއް ބިނާކޮށް، އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަކީ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ އެއް އަސާސް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިފަދަ އިލްމީ މަންސަތަކުގެ ޒަރީއާއިން މުވައްޒަފުންގެ ހުނަރާއި ވިސްނުން ތަރައްގީކޮށް، ކުންފުނީގެ ހިންގުންތެރިކަމާއި ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގެ ފެންވަރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް އެމްޓީސީސީން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.