ރާއްޖޭގެ ސިޔާސީ މައިދާނުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެގެންދާނީ ޒިންމާދާރުކަމުގެ ލާމަސީލު މިސާލަކަށް ކަމަށާއި، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެ ޕާޓީގެ ތެރެއިން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލީހުގެ އިފްތިތާހީ ޖަލްސާ ފައްޓަވައިދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސިޔާސީ މައިދާނުގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ބައެއް ފަރާތްތަކުން ޒިންމާދާރުކަން ކުޑަކޮށް ކަންކަން ކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ. ނަމަވެސް، ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއަށް އެފަދަ އެއްވެސް ކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި، ޕާޓީގެ އެޖެންޑާއަކީ އަބަދުވެސް ވަރަށް ސާފުކޮށް "އެންމެ ފުރަތަމަ ގައުމު" އިސްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޕީއެންސީގެ މުޅި ފަލްސަފާއަކީ އަދި މައިގަނޑު ސިޔާސަތަކީ ގައުމަށް ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ގެނެސްދިނުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އާއި ސަރުކާރުގެ އެންމެހައި ސިޔާސަތުތައްވެސް ގުޅިލާމެހިފައިވަނީ މި ތިން އަސާސުގެ މައްޗަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިއަދަކީ ވަރަށް އުފާވެރި ދުވަހެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ޕާޓީގެ ކުރިމަގު ބައްޓަންކުރުމާއެކު، ސަރުކާރުން ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ޕާޓީގެ ދައުރު ފުޅާކޮށް، ހުރިހާ ގުނަވަންތަކާއި މެންބަރުން އެއް ރޫހެއްގައި މަސައްކަތް ކުރުން ކަމަށެވެ.

ޕާޓީގެ ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޕީއެންސީ އުފެދިގެން އައީ އެންމެ 3،000 މެންބަރުންނާއެކު ކަމުގައި ވިޔަސް، މެންބަރުން ކުރެއްވި ބުރަ މަސައްކަތުން މިއަދު އެ އަދަދު 80،000 އަށް އަރައި، ރާއްޖޭގެ ސިޔާސީ މައިދާނުގައި ބޮޑު ބާރަކަށް ވެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ހާލަތުން ފުރިހަމަ ހާލަތަކަށް ބަދަލުކުރުމަށް ޕީއެންސީން ނަމޫނާ ދައްކާނެކަމުގެ ޔަގީންކަން ދެއްވައި، ހުރިހާ މެންބަރުންވެސް ބަދަހި ގުޅުމަކާއެކު، އެއް އާއިލާއެއްގެ ގޮތުގައި ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.