ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓާ މުސްތަގުބަލުގައި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ހަތީބުން އަމަލީ ގޮތުން ނަމޫނާ ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިފަދައިން އިލްތިމާސްކުރައްވާފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅުވައިގެން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އިސްލާމީ ދައުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތައުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫހަށް ލިބުނު އާ ބާރެެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަދި މިއީ ގައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމީ ތާރީހާއި ދިވެހި ތާރީހަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން ކަމަށެވެ. އެގޮތުން އިސްލާމީ ތާރީހު ދުށް ޒުވާން ޝަހުސުންގެ ހަނދާންތައް އާކުރައްވަމުން، ދިވެހި ތާރީހުގައި ވެސް އިލްމުވެރީން ދީނީ އިލްމު ހޯއްދެވުމަށް ޓަކައި ތުއްޕުޅު އުމުރުގައި ގައުމާއި އާއިލާ ދޫކުރައްވައި ކުރެއްވި ބުރަ ދަތުރުތަކާއި ވެވަޑައިގެންނެވި ގުރުބާނީތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އިލްމަކީ ހިކުމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ދީނުގެ އަސާސަކީ މަސްލަހަތު ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީން އައިސްފައިވަނީ އިންސާނީ ކަރާމާތް ނަގަހައްޓާ، މުޖުތަމައުގެ އެއްބައިވަންތަކަމާއި ސުލްހަވެރިކަން ދަމަހައްޓަން ކަމަށެވެ. އެހެންކަމުން ޒުވާން ހަތީބުން ތިމާގެ ދުލާއި ގަލަން ހިންގުމުގައި ހިކުމަތްތެރިކަން އިސްކުރުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.
ދީނާ ގައުމިއްޔަތު ދިރުވަވާ ނަގަހައްޓަން ޒުވާނުންގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވާއިރު، ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ 5 ބުރެއް ހިންގައި 700 އަށްވުރެ ގިނަ ޒުވާނުން ވަނީ ބިނާކޮށްފައެވެ.
