ށ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ 78 އިންސައްތަ މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމުން އެމްޓީސީސީން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތުގެ 78 އިންސައްތަ ނިމިފައިވާކަމަށާއި، މިހާރު ސައިޓުގައި ކުރިއަށްދަނީ ބޭރުތޮށީގެ އެންމެ ފަހުގެ ބައްޓަން ގެނައުމުގެ (ޕްރޮފައިލިން) މަސައްކަތްތަކެވެ.

އެމްޓީސީސީން ބުނީ މި ޕްރޮފައިލިން މަސައްކަތުގެ ވެސް 68 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން 59,013 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމުގެ އިތުރުން 362 މީޓަރުގެ ބޭރުތޮށި ޖެހުމާއި، 105 މީޓަރުގެ ރިވެޓްމަންޓް ޖެހުން އަދި 312 މީޓަރުގެ އެއްގަމުތޮށި ރޭނުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން 1,509 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕަކާއި ކޮންކްރީޓް ޖެޓީއެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މާއުނގޫދޫ ބަނދަރަކީ ކުރިން ޖާގައިގެ ދަތިކަން ބޮޑުވެ މޫސުން ގޯސްވާ ދުވަސްވަރު އޮޑިދޯނިފަހަރަށް ވަދެނުކުމެ ހެދުމަށާއި މުދާ ބޭލުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވި ބަނދަރެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމުމުން އެ ރަށުގެ ބަނދަރުގެ ޖާގަ ދެގުނައަށް ބޮޑުވެ ލޭންޑިން ކްރާފްޓް ފަދަ ބޮޑެތި އުޅަންދުފަހަރަށް ފަސޭހައިން ކައިރިކުރެވޭނެކަމަށެވެ.