ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ނަފާ ހަމަހަމަކަމާއެކު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދިނުމުގެ ގޮތުން، ހުރިހާ ރައްޔިތުން ހިއްސާދާރުންގެ ގޮތުގައި ހިމަނައިގެން ތަރައްގީކުރާ 10 ރިސޯޓުގެ މަޝްރޫއު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަކީ ހަމައެކަނި ވަކި ބަޔަކު މުއްސަނދިވާން އޮތް ވަސީލަތެއްގެ ގޮތުގައި ދެމިއޮވެގެން ނުވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އޮތް ކޮންމެ ފަރުދަކަށް އެއްވެސް ތަފާތުކުރުމެއް ނެތި، ސީދާ އެ މީހެއްގެ ބޭންކު އެކައުންޓަށް ޑޮލަރުން އާމްދަނީ ޖަމާވާނެ އިންތިޒާމެއް ހަމަޖެއްސެވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ކުރިއަށް ގޮސްފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 10 ރިސޯޓު ގާއިމުކުރުމަށްޓަކައި މާލެ އަތޮޅާއި ރާއްޖޭގެ އެކި ސަރަހައްދުތަކުން ބޭނުންވާ ބިންތަކާއި، ފަޅުތަކުގެ އިތުރުން ފަޅުރަށްތައް ކަނޑައެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މިއީ ހަމައެކަނި ރިޔާސީ ބަޔާނުގައި ހިމަނާލި ބަސްތަކެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މި ރިސޯޓުތައް ހުޅުވި ހިދުމަތް ދޭން ފެށުމާއެކު، ކޮންމެ ދިވެހި ރައްޔިތަކީވެސް ރިސޯޓު ހިއްސާދާރަކަށް ވެގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ޖީބަށްވެސް ޑޮލަރުން ފައިދާ ލިބެން ފަށާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
