ގްރޭޓާ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، މާލެ އާއި ވިލިމާލެ އެއްގަމު މަގުން ގުޅާލައިފިއެވެ.

އިންފްރާސްޓްރަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އިން ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް މިއަދު ލޯންޗުކޮށް، ދެ ރަށް ވަނީ ގުޅުވާލެވިފައެވެ. މިއަދު ބެހެއްޓި ފަހު ސެގްމެންޓާއެކު، މާލެއާއި ވިލިމާލެ ގުޅުވައިދޭ ބްރިޖުގެ މައި އޮނިގަނޑު ނުވަތަ "ސުޕަ ސްޓްރަކްޗާ" ގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލުން

މި މަޝްރޫއު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، ބްރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް އާންމުންނަށް ދަތުރުފަތުރަށް ހުޅުވާލެވޭނީ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިމުމުންނެވެ. އެގޮތުން ދެން ކުރިއަށްދާނީ ރައްކާތެރިކަމަށްޓަކައި ޖަހަންޖެހޭ ރޭލިންގްސް ހަރުކުރުމާއި، މަގުބައްތިތައް ހަރުކުރުމުގެ އިތުރުން ފަންނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެހެނިހެން މަސައްކަތްތަކެވެ.

މިއީ މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދާވެސް ސީދާ ގުޅިފައިވާ ވަރަށް މުހިންމު މަޝްރޫއެކެވެ. އެހެންކަމުން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ އެއް މަސައްކަތަކީ އިންޑިއާ ސަރުކާރާއި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއެކު މަޝްވަރާކޮށް، މަޝްރޫއުގެ ދުވެލި އަވަސްކުރުމެވެ.

ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ ގުޅުވާލުން

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގައި، މި ރަށްތައް ހުރަސްކުރާ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ. އެގޮތުން ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ބިނާރާ ބެހޭ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް އިން ހާމަކޮށްފައިވެއެވެ.

ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދުގެ މަސައްކަތް

އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން އޮގަސްޓް 2021 ގައި އެފްކޮންސްއާ ހަވާލުކޮށްގެން ފެށި މި މަޝްރޫއު އެކި ސަބަބުތަކާ ހުރެ މީގެ ކުރިން ދިގުލައިގެން ގޮސްފައިވީ ނަމަވެސް، މިހާރު މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ.