ސ. ހިތަދޫގައި އިމާރާތްކުރާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތަކުގެ ތެރެއިން ފުރާޅުގެ ސްލެބް އެޅުމަށް ބޭނުންވާ ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

އެ ކުންފުނިން އާންމުކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ރޫފް ލެވެލް ސްލެބްގެ ކޮންކްރީޓް އެޅުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރިއަށްދޭ މަޝްރޫއުތަކުގެ ތެރެއިން، ހިތަދޫގައި ގާއިމުކުރާ މި ސެންޓަރަކީ ދެކުނުގެ އަތޮޅުތަކަށް ދިމާވާ ކާރިސާތަކާއި އިމަރޖެންސީ ހާލަތްތަކުގައި އަވަސް ރެސްޕޮންސެއް ދިނުމަށް ތަރައްގީކުރާ މަރުކަޒެއްކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މަޝްރޫއަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އިފްތިތާހުކުރެއްވި މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަށާފައިވާއިރު، މި މަޝްރޫއަކީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ.