އެމެރިކާއިން އީރާނުގެ އިގުތިސާދު އިނދަޖައްސާލުމަށް އަމާޒުކޮށް އާ ފިޔަވަޅުތަކެއް އިއުލާންކުރުމާ ގުޅިގެން، މުޅި ދުނިޔެއަށާއި ސަރަހައްދަށް އޭގެ އަސަރުކުރާނެ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން މިއަދު ދީފިއެވެ. އެމެރިކާއާއި އިސްރާއީލުން ފަށާފައިވާ ހަނގުރާމައަށް ހަ މަސް ދުވަސް ވެފައިވާއިރު، ޑިޕްލޮމެޓިކް ހައްލެއް ނުލިބި މައްސަލަ ވަނީ މަޑުޖެހިފައެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އިއުލާންކުރެއްވި ގޮތުގައި، އީރާނުން ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ބޭނުންކުރާ ވިއުގަތަކަށް އަމާޒުކޮށް އާ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މީގެ ތެރޭގައި ޑިޖިޓަލް އެސެޓާއި، ޓެކްނޮލޮޖީ އަދި ޝިޕިންގެ ދާއިރާއިން އީރާނާއެކު ވިޔަފާރިކުރާ ފަރާތްތަކަށް އަދަބު ދިނުން ހިމެނެއެވެ. ނަމަވެސް، "އިގުތިސާދީ ޑީ-ޑޭ" ގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިއުލާންކުރި މި ފިޔަވަޅުތަކަކީ ކުރިން ލަފާކުރި ވަރަށް ވުރެ ލުއި ފިޔަވަޅުތަކެއް ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާއިން މައިގަނޑު ގޮތެއްގައި ނިންމާފައިވަނީ މިހާރު ހުރި ފިޔަވަޅުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށެވެ. އަދި އީރާނާ ގުޅުން ކަނޑާނުލާ ގައުމުތަކަށް ކުރިއަށް އޮތް ތަނުގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
އެމެރިކާގެ އިންޒާރުތަކަށް ބޯލެނބުމުގެ ބަދަލުގައި، އީރާނުން ވަނީ ސަރަހައްދީ ތެޔޮ އުފައްދާ ގައުމުތަކަށާއި ޔޫރަޕްގެ ގައުމުތަކަށް އަމާޒުކޮށް ހަމަލާތައް ފުޅާކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނުން މިހާރު ކުޅެމުންދަނީ "ޗެސް އަދި ޕޯކާ" އެއްކޮށްލައިގެން ކަމަށެވެ. މީގެ މާނައަކީ އީރާނުން ވެސް އެމެރިކާއަށް ގެއްލުން ދިނުމުގެ ގާބިލުކަން ހުރިކަން ދައްކައިދިނުމެވެ.
އީރާނުން ރައްދުދީފާނެ އެންމެ ބޮޑު އެއް ދާއިރާއަކީ ތެލުގެ ވިޔަފާރިއެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ މުހްސިން ރިޒާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އިގުތިސާދީ ހަނގުރާމަ ކުރިއަށްދާނަމަ ހޮރުމުޒް ކަނޑުއޮޅިން ނުވަތަ ފާރިސީ ގަލްފުން ތެލުގެ އެންމެ ތިއްކެއް ވެސް ބޭރުކުރުމުގެ ފުރުސަތު ނުދޭނެއެވެ. އަދި ޓީވީ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިކަމަށް "ބިންހެލުމެއް ފަދައިން" ރައްދުދޭނެ ކަމަށެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރީ ހޮރުމުޒް ކަނޑުއޮޅިންނެވެ. އީރާނުން މިހާރު ވެސް ދަނީ އެ ސަރަހައްދުން ބޯޓުފަހަރު ދަތުރުކުރުމަށް ހުރަސްއަޅަމުންނެވެ. މީގެ އިތުރުން، ޔަމަނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހޫތީ ޖަމާއަތުން ދަނީ ރަތް ކަނޑުގައި ސައުދީ އަރަބިއްޔާގެ ތެޔޮ އެކްސްޕޯޓުކުރާ އުޅަނދުތަކަށް ހަމަލާދެމުންނެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާގައި ވެސް ޕެޓްރޯލްގެ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ އިންޒާރުތަކާ ގުޅިގެން، ސައުދީ އަރަބިއްޔާ، ކުވައިތު، ގަތަރު އަދި ޔޫއޭއީގެ ތެޔޮ ކުންފުނިތަކުން ދަނީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު، އުޅަނދުތަކުގެ ޓްރާންސްޕޮންޑަރުތައް ނިއްވާލައިގެން ދަތުރުކުރަމުންނެވެ. ސައުދީ އަރަބިއްޔާއިން ވަނީ ދުވާލެއްގެ މައްޗަށް 5 މިލިއަން ފީފާގެ ތެޔޮ ހޮރުމުޒް ކަނޑުއޮޅީގެ ބަދަލުގައި ރަތް ކަނޑު މެދުވެރިކޮށް ބޭރުކުރުމަށް އީސްޓް-ވެސްޓް ހޮޅި މެދުވެރިކޮށް މިސްރާބު ބަދަލުކޮށްފައެވެ. އަދި މެދުއިރުމަތީގެ އެހެން ގައުމުތަކުން ވެސް ދުވާލަކު 2 މިލިއަން ފީފާގެ ތެޔޮ އެހެން މަގުތަކުން ބޭރުކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އީރާނުން ވަނީ އެ ގައުމުގެ ގަވާއިދުތަކާ ހިލާފުވާ ކަމަށް ބުނެ 45 އުޅަނދެއްގެ ލިސްޓެއް އާންމުކޮށް، އެ އުޅަނދުތަކަށް ޖޫރިމަނާކުރުން ނުވަތަ ހިފެހެއްޓުން ފަދަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
ހަމަލާތައް ފުޅާކުރުމުގެ ގޮތުން، އީރާނުން ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ނޭޓޯގެ މެންބަރު ގައުމެއް ކަމަށްވާ ބަލްގޭރިއާއަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އީރާނުގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބަލްގޭރިއާގެ ސަރަހައްދު ބޭނުންކޮށްފައިވާތީ، އެއީ އީރާނާ ދެކޮޅަށް ހިންގާ އުދުވާނުގައި ބައިވެރިވުން ކަމަށް ބަލައި، އެ ގައުމަށް ހަމަލާދިނުމުގެ ހައްގު އީރާނަށް ލިބިގެންވެއެވެ. ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ގަލްފުގެ ސަރަހައްދު ހިމެނޭ ގޮތަށް 11 ގައުމަކަށް ހަމަލާދީފައެވެ. މީގެ އިތުރުން ސައިޕްރަސްގައި ހުންނަ އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަކަށާއި، އިންޑިއާ ކަނޑުގައި އެމެރިކާއިން ބޭނުންކުރާ ރަށްތަކަކަށް ވެސް އީރާނުން ހަމަލާދީފައިވާ ކަމަށް ބެލެވެއެވެ. މުހްސިން ރިޒާއީ ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ އިގުތިސާދީ ހަނގުރާމައިގައި އެހީތެރިވާ ކޮންމެ ގައުމަކީ ހަނގުރާމައިގައި ބައިވެރިވާ ގައުމެއް ކަމަށް ބަލާނެ ކަމަށެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ވެސް އެ ގައުމުގެ ސިޔާސަތު ބަދަލުކޮށްފާނެ ކަމުގެ އިޝާރާތްތަކެއް ވަނީ ދީފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެންމެ އިސް ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމުގެ މުއާހަދާ (އެންޕީޓީ) އިން ވަކިވުމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުގައި ދަނީ ބިލެއް މެދުގައި މަޝްވަރާކުރަމުންނެވެ. ހާމަނާއީ ވަނީ ކުރިން ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކުރައްވާފައެވެ. ރިޒާއީ ވިދާޅުވި ގޮތުގައި، އެމެރިކާއިން މިފަދަ ހަނގުރާމައެއް ކުރަމުންދާއިރު، އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދަންވީ ސަބަބަކާ މެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. އެމެރިކާގެ އިންޓެލިޖެންސާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އީރާނުގައި ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ބައި ޓަނުގެ ފޯރިގަދަކޮށްފައިވާ ޔުރޭނިއަމް ރައްކާކޮށްފައި އެބަހުއްޓެވެ.
ވޮޝިންޓަންގައި ހުންނަ ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސީނިއާ ފެލޯ ސީނާ ތޫސީ ސީއެންއެންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުން އެ ގައުމުގެ މައިގަނޑު ޝަރުތުތައް ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އޭގެ ބަދަލުގައި، އީރާނުން މަސައްކަތްކުރާނީ ހަކަތަ ފޯރުކޮށްދޭ މަގުތަކަށާއި ސަރަހައްދީ ވިޔަފާރިއަށް ނުރައްކާކޮށް، އެމެރިކާގެ ފިޔަވަޅުތަކުގެ އަގު ސަރަހައްދީ ގައުމުތަކުން ދައްކަންޖެހޭ ފަދަ ހާލަތަކަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ތޫސީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން އިގުތިސާދީ ގޮތުން އީރާން ފިއްތާލަން މަސައްކަތްކުރާ ވަރަކަށް، އީރާނުން އެހެން ގައުމުތަކަށް ކުރާ ޕްރެޝަރު ބޮޑުވާނެއެވެ.
