ގައުމެއް ބިނާކޮށް ތަރައްގީކުރުމުގައި އަންހެނުންގެ ގާބިލުކަން އިތުރުކުރުމަކީ ތަރައްގީގެ ބިންގަލަށްވުމުގެ އިތުރުން އެއީ އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ އަސްލުކަމަށާއި، ދިވެހި އަންހެނުންގެ ވިލުންތެރިކަމަކީ އަބަދުވެސް ގައުމަށް ނުހަނު ބޭނުންތެރި ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ، އަންހެނުންނަކީ ގައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވާފައެވެ. އަދި ގައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށާއި، އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މިފަދަ ޕްރޮގްރާމުތައް ހިންގެންވާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އަދުލު ގާއިމުކޮށްދެއްވާފައި ކަމަށާއި، އިސްލާމީ ތާރީޚު ވަނީ އަންހެނާގެ ދައުރު ދިރިއުޅުމުގެ އެތައް މައިދާނަކުން ސާބިތުކޮށްދީފައިކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ތާރީޚަށް ބަލާއިރު ދިވެހި އަންހެނުންނަކީ ވަރަށް ނަސީބުވެރި ބައެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން އިސްލާމީ ތާރީޚު އަންހެނުންނަށް ގޮވާލަނީ އުންމަތް ބާރުވެރިކުރުވައި، މުޖުތަމައު ގަދަރުވެރިކުރުވައި، މުރާލި، ހީވާގި، ހުނަރުވެރި އަދި ޚުލްޤުހެޔޮ ބަޔަކަށް ވުމަށް ކަމަށާއި، ދިވެހި އަންހެނުންގެ ވިލުންތެރިކަމާއި ވިސްނުންތެރިކަމުގެ ބޭނުން ގައުމަށް އަބަދުވެސް ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މި ހަމަހަމަ ސަގާފަތް ދަމަހައްޓައި، ފިކުރީ އަދި އަމަލީ ގޮތުން ވިލުންތެރި އަންހެނުންތަކެއް ބިނާވެގެންދާ މި ފުރުޞަތަކީ ތާރީޚީ ފުރުޞަތެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި "ވިލުންތެރި ކަނބަލުން" ޕްރޮގްރާމުން ދަސްވެނިވި 8 ބެޗެއްގެ 170 އަށްވުރެ ގިނަ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އަދި ދަސްވެނީންނާއެކު އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި ޚާއްޞަ ހުށައެޅުމެއް ހުށައަޅައިދިން މުހައްމަދު ގާސިމް ޕްރީސްކޫލް ބޭންޑުގެ ދަރިވަރުންނާއެކުވެސް އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމަކީ އަންހެނުންނަކީ ކޮންމެ ކަމެއްގައިވެސް އެހެން މީހުންނަށް ބަރޯސާނުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުހިންމު ޕްރޮގްރާމެކެވެ.
