އައްޑޫ ފޭދޫ ސްކޫލްގައި ކުރިއަށް ގެންދާ ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާވިހަވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ދަ ޕްރެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ޖުމުލަ 24 ދަރިވަރަކު ކާނާވިހަވެ ފޭދޫ ހެލްތު ސެންޓަރުގައި 12 ދަރިވަރުން އަދި މަރަދޫ ހެލްތު ސެންޓަރުގައި 12 ދަރިވަރުން އެޑްމިޓުކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މި ދަރިވަރުން ކާނާ ވިހަވީ ކޯޗަކަށްކަން މިހާތަނަށް ސާފުނުވާއިރު، ދަ ޕްރެސްއާ ވާހަކަ ދެއްކި ފަރާތަކުން ވަނީ ބައެއް ދަރިވަރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ ހޮޑުލެވި އަދި ފާހާނާއަށް ދިއުމުގެ މައްސަލަ ދިމާވެފައިވާކަން ފާހަގަކޮށްފައެވެ.
އައްޑޫ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ވެސް ކާނާ ވިހަވުމުގެ ހާދިސާއެއް މީގެކުރިން ހިނގާފައިވެއެވެ.
އެގޮތުން ޕޮލިސް ކޮލެޖްގައި ތަމްރީނު ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 32 ވަރަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާއިރު މި ހާދިސާގައި ދެ ދަރިވަރެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ވެސް ފަރުވާދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ ކެފޭ/ ރެސްޓޯރެންޓުތަކުގެ ސާފުތާހިރުކަމާއި މެދު ސުވާލު އުފައްދާފައެވެ.
